ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމާ ގުޅޭގޮތުން ސައުދީ އަރަބިއްޔާއާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރައްވައިފައި ވަނީ، ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހުޔާ ހަސަން އަލްގަހްތާނީ، އިއްޔެ ވަނީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގެ ތެރެއިންނެވެ.

މި ޒިޔާރަތުގައި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އަދި މަސްވެރިކަމުގެ ދާއިރާއާއި ބްލޫ އިކޮނޮމީ އިތުރަށް ތަރައްގީ ކުރުމަށް ސައުދީން ރާއްޖެއަށް އިތުރަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

ސައުދީ ސަފީރުގެ ވާހަކައިގައި، އެ ގައުމުން ރާއްޖެއަށް އަބަދުވެސް އެހީތެރިވެދެއްވާނެއެވެ.

މީގެއިތުރަށް ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް މެދުވެރިކޮށް ސައުދީ އަރަބިއްޔާ އިން އަބަދުވެސް އެއްބާރުލުންދެއްވާނެ ކަމަށާއި، ހާއްސަކޮށް މ. މުލަކުގައި ހުންނަ ކޯލްޑްސްޓޯރޭޖާއި ކޫއްޑޫ، އަދި ރިސާޗް އެންޑް ކޮންޒަވޭޝަންގެ ދާއިރާއިން އިތުރަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ސަފީރު ދެއްވިއެވެ.