ސިއްހީ ހިދުމަތަކީ ތަފާތު ހަނދާންތަކާއި ތަފާތު ތަޖުރިބާތަކާއި ތަފާތު އިހްސާސްތަކާ ގުޅިފައިވާ ހިދުމަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ސ. ފޭދޫ ސިއްހީ މަރުކަޒުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އައްޑޫ ސިޓީ، މަރަދޫފޭދޫ، ތްރީއެސް ލައުންޖުގައި މިއަދު ހަވީރު ކުރިއަށްދިޔަ އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސްގެ އަނބިކަނބަލުން ވަނީ، ފޭދޫގައި ޑަކްޓަރީ ބޭސްފަރުވާގެ ހިދުމަތް ދެއްވަން ފެއްޓެވި ގޮތާއި މިހާރުގެ ހާލަތަށް އަލިއަޅުއްވާލައްވާފައެވެ.
އެކަމަނާގެ ވާހަކަފުޅުގައި ސިއްހީ ހިދުމަތުގެ ދާއިރާގައި ހިތްހެޔޮކަމާއި ކެތްތެރިކަން އިސްކުރުމާއި ކަންކަމުގެ އަސްލު މައްސަލަ ދެނެގަންނަން ހިމޭންކަމާއި ވިސްނުންތެރިކަމާއެކު މަސައްކަތްކުރުމަކީ ވަރަށް ބޭނުންތެރިކަމެއްކަން ފާހަގަކުރައްވާފައިވެއެވެ.
ފޭދޫ ސިއްހީ މަރުކަޒަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ޙަވާލުކުރުމާއި، މަސައްކަތުގެ ރޮނގުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އެވޯޑު ދިނުންވެސް މިއަދުގެ ޖަލްސާގައި ކުރިޔަށްދިޔައެވެ.
އެގޮތުން ރައީސް އަނބިކަނބަލުން ވަނީ ފޭދޫ ޞިއްޙީ މަރުކަޒަށް 30 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ފޭދޫ ސިއްހީ މަރުކަޒުގެ މުވައްޒަފުންނާއިއެކު ގްރޫޕް ފޮޓޯއެއްގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

