”2025 އޭޕްރީލު 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަހުގީގު ކުރާ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ކޮމިޝަން“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުވައިލައްވައިފިއެވެ.
އެމަނިކުފާނު މިއަދު އެ ކޮމިޝަން އުވައިލައްވައިފައިވަނީ، ގާނޫނު ނަންބަރު 2019/4 (ރިޔާސީ ކޮމިޝަންތަކުގެ ގާނޫނު) ގެ 22 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، އެކަމަށްޓަކައި ނެރުއްވި ގަރާރަކުންނެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން، އެ ކޮމިޝަން އުފެއްދެވީ، 27 އެޕްރީލު 2025 ގައެވެ.
ކޮމިޝަނާ މަތިކުރެއްވީ، 2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ކޮށް، ރައީސް އަށް ލަފާއެރުވުމަށެވެ.
ކޮމިޝަނުގެ ތަހުގީގު ރިޕޯޓު ޢާންމުކުރައްވާފައިވަނީ 17 ޖޫން 2025 ގައެވެ.
އަދި ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަން ތަންފީޒުކުރެއްވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް، ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއަށާއި، ސިއްހީ ވުޒާރާއަށް، ރައީސް ވަނީ އަންގަވައިފައެވެ.

