މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން ޔޫސުފް އަލްސަން މުހައްމަދު ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، އަލްސަންގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރޭގެ އެކްސިޑެންޓުގައި ނިޔާވި އަލްސަންއަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ ހަމައެކަނި ދަރިފުޅެވެ.

ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަލްސަން ނިޔާވި ހަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމަށެވެ.

”މަރުހޫމް ޔޫސުފް އަލްސަން މުހައްމަދަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާކުރަން. އެ މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ދަންނަވަން“ ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެ އެކްސިޑެންޓުގައި އަނިޔާވި އިތުރު ދެ މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން އުމުރުން 17 އަހަރުގެ ކުއްޖާ ވަނީ ނިޔާވެފައި ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 40 އަހަރުގެ ފިރިހެންމީހާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނައިރު، ސައިކަލުގައި އިން އުމުރުން 16 އަހަރުގެ ކުއްޖާއަށް ފަރުވާ ދެމުން އަންނަނީ ވޯޑުގައެވެ.