ފިހާރަތަކުން ވިޔަފާރިކުރި މައްސަލަތަކުގައި ގެއްލުންވި އަށްޑިހަ ހާހަށްވުރެ ގިނަ ރުފިޔާ އަނބުރައި ވެރިފަރާތަށް ހޯދައި ދެވިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ފޭކު ސްލިޕް ފޮނުވައިގެން މި އަހަރުގެ މެއި މަހުގެ އެކި ދުވަސް މަތިން ހުޅުމާލޭގައި ހުންނަ ފިހާރައަކުން މީހަކު އަށްޑިހަ ހާހަށްވުރެ ގިނަ ރުފިޔާގެ މުދާ ގަތުމާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ މެއި މަހުގެ 16 ވަނަ ދުވަހުއެވެ.

މި މައްސަލާގައި ތުހުމަތުކުރެވެނީ 28 އަހަރުގެ ޒައިދާން މުހައްމަދު ހާޝިމާއި ބަންގްލަދޭޝްގެ 30 އަހަރުގެ ރައްޔިތެއްކަމަށްވާ އަފްރިން އަކްތަރުގެ މައްޗަށެވެ.

މި ދެ މީހުންވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ހޯދި މި ފައިސާއަކީ އެކި ފިހާރަތަކަށް ސައްހަ ނޫން ބޭންކު ޓްރާންސްފަރ ސްލިޕް ފޮނުވައިގެން އެ ފިހާރަތަކުން ނަގާފައިވާ މުދަލަށްވާ ފައިސާއެވެ.

ފުލުހުން ބުނީ، މި މައްސަލައިގެ ތަހުގީގުގައި ބެލި ބެލުމުން މާލެއާއި ހުޅުމާލެ ހިމެނޭގޮތަށް އިތުރު ފިހާރަތަކަކުންވެސް މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތައް އޮޅުވާލައިގެން މުދާ ގަނެފައިވާކަން އެނގިފައިވާ ކަމަށެވެ.

އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ ޒައިދާން މުޙައްމަދު ހާޝިމް ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓްގެ 2 އެޕާޓްމަންޓަކަށް، ފޭކު ސްލިޕް ފޮނުވައިގެން ގަނެފައިވާކަމަށް ބެލެވޭ މުދާތައް ވައްދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

އަދި އެ އެޕާޓްމަންޓުތައް ބަލައި ފާސްކުރިއިރު، މައްސަލައިގެ ތަހުގީގާ ގުޅުންހުރި ތަކެތި ފެނިފައިވާކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ، ސައްހަ ނޫން ޓްރާންސްފަރ ސްލިޕް ފޮނުވައިގެން އެކި ފިހާރަތަކުން ވިޔަފާރިކުރި މައްސަލަތަކުގައި ގެއްލުންވި އަށްޑިހަ ހާހަށްވުރެ ގިނަ ރުފިޔާ އަނބުރައި ވެރިފަރާތަށް ހޯދައި ދެވިފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން ޒައިދާނާއި އަފްރިން އަކްތަރު ހައްޔަރުކޮށް ޖޫން މަހުގެ 17 ވަނަ ދުވަހު މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޒައިދާން  15 ދުވަހަށް ބަންދުކުރުމަށް އަދި އަފްރިން އަކްތަރު 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް މައްސަލައިގެ ތަހުގީގު 2 މީހުން އިތުރަށް ބަންދުގައި ބޭތިއްބުމަށް ނުފެންނާތީ 2 މީހުން މިހާރު ދޫކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ.