އދ. މާމިގިލީ ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އުމުރުން 15 އަހަރުގެ ކުޑަކުއްޖާ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ، މިއަދު މެންދުރުގެ ވަގުތެއްގައި މާމިގިލީ ކައިރިއަށް ފީނަން ގޮސް އުޅުނު ހަތަރު ކުދިންގެ ތެރެއިން އެއް ކުއްޖަކު ގެއްލިފައިވާ މައްސަލައެއް މިރޭ 7:00 އެހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

އެ ރަށު މީހުންނާ އެކު ފުލުހުން މިރޭ ދިޔައީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ފުލުހުން ބުނެފައިވަނީ، އެ ކުއްޖާ މިހާރު ފެނިފައިވާކަމަށާއި އެ ކުއްޖާ އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަމަށެވެ.

އަދި ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އެ ކުއްޖާ ނިޔާވެފައިވާކަމަށް މަރުކަޒުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.