ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ވައުދުފުޅެއް ކަމަށްވާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 595,000 ގަސް އިންދާފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ސިލްސިލާކޮށް ބާއްވަމުންދާ ހަ ވަނަ “އަހާ” ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ، މި ގައުމީ މަޝްރޫއުގައި ސަރުކާރުގެ އިދާރާތަކާއި، ކުންފުނިތަކާއި، ކައުންސިލްތަކާއި އަދި ރިސޯޓުތައް ފަދަ ތަފާތު ފަރާތްތަކުން ބައިވެރިވެފައިވާއިރު، އަމާޒަކީ ޖުމްލަ 6.5 މިލިއަން ގަސް އިންދުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ މަޝްރޫއުގައި ބައިވެރިވާ ފަރާތްތަކާއެކު ގަސް އިންދާނެ ތާރީހުތައް ކަނޑައެޅުމުގެ މަސައްކަތެވެ.

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން، މިހާރު އިންދާފައިވާ ގަސްތަކުގެ މައުލޫމާތު ފަސޭހައިން ލިބޭނެ ނިޒާމެއް ގާއިމު ކުރެވެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި މަޝްރޫއު އިތުރަށް ހަލުވިކުރުމަށް 50,000 އަކަފޫޓުގެ ބޮޑު ނާސަރީއެއް ގާއިމު ކުރުމަށް ޗައިނާ ސަރުކާރާއެކު މަސައްކަތްތަކެއް ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ.