ނ. ހެނބަދޫ ބިންހިއްކުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ނޮވެންބަރު މަހު ފެށޭނެކަމުގެ ޔަގީންކަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް މިކަމުގެ ޔަގީންކަންދެއްވީ، މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނ. ހެނބަދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު މެންދުރު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހެނބަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަހަރު ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ ތަރައްޤީގެ މަޝްރޫއުތަކުގެ ތެރޭގައި ހެނބަދޫ ބިންހިއްކުމުގެ މަސައްކަތް ހިމަނުއްވާފައިވާ ކަމަށެވެ.
ބިންހިއްކުމުގެ މަސައްކަތް ފެށުމުގެ ކުރިން ތޮށިލާންޖެހޭ ހިސާބާއިކަނޑާއި ކައިރިވުމުން އިންޖިނިއަރިންގެ ގޮތުން ޑީޓެއިލް ޑިޒައިނެއް ހެދެންޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެކަމާ ގުޅޭގޮތުން ކައުންސިލާއި މަޝްވަރާކޮށް ސެޕްޓެމްބަރު މަހާއި ހަމައަށް މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރަކާއި ހަވާލުކުރުމަށް އަމާޒުހިފާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހެނބަދޫގައި ބިންހިއްކެން އޮތް އެންމެ ބޮޑުމިނަކީ ހަ ހެކްޓަރުކަށާއި އެއީ ރަށަށް ވަރަށް މުހިންމު ޖާގައެއްކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ބިންހިއްކާ ނިމުމުން ބިމުން ގޯތި ނުވަތަ ހައުސިންއަށާއި ކުޅިވަރު ކުޅުމަށް ބޭނުންކުރެވޭނެ އެންމެ ބޮޑު ޖާގައެއް ލޭންޑް ޔޫސް ޕްލޭން ހަދާ ނިންމާއިރު އޮންނަވަރަށް ހަމަޖެހިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވައުދުފުޅާ އެއްގޮތަށް، ހެނބަދޫގައި ފުލް ސައިޒްގެ ފުޓުބޯޅަ ޕިޗެއްވެސް ހެދެންއޮތީ ބިންހިއްކައިގެން ކަމަށްވާތީ ބިންހިއްކުމާއި ތޮށިލުމުގެ މަސައްކަތް ގުޅިގެންދާގޮތަށް އެ ސަރަޙައްދު ހިމާޔަތްވާގޮތަށް ބޮޑު ފުޓްބޯޅަ ދަނޑެއް އެޅޭގޮތަށް މަސައްކަތް ކުރިއަށްގެންދަން ރާއްވަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަޢުދުވެވަޑައިގެންނެވި ގޮތަށް ސިއްހީ މަރުކަޒުގެ ހިދުމަތް ރަނގަޅު ކުރެއްވުމަށްޓަކައި މުވައްޒަފުން އިތުރުކުރެއްވުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަގެންދާ ކަމަށާއި މި އަހަރު ނިމުމުގެ ކުރިން މަދުވެގެން 16 ގަޑިއިރަށް، ހިދުމަތްދެވޭވަރަށް ސިއްހީ މަރުކަޒުގެ ހިދުމަތްތައް ގާއިމު ކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

