ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާޅެންދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި ޓްރފް ދަނޑުގެ ވަށާފާރު ރޭނުމުގެ މުހިންމުކަން ހިމެނެއެވެ.

އަދި ސްކޫލުގެ އިމާރާތް ވީހާވެސް އަވަހަކަށް ނިމި ސްކޫލުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރުމަށް އުންމީދު ކުރައްވާކަން މެންބަރުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އެ ރަށުގައި ސިއްހީ ހިދުމަތް ފުޅާކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ހުރި ގޮންޖެހުންތައް އެ ބޭފުޅުން ހިއްސާކުރެއްވިއެވެ.

ކައުންސިލުން ވަނީ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށާއި މާޅެންދޫގެ އިހުތިސޯސްގައި ތޮޅެންދޫ ހިމަނައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.

އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.