ނ.ހޮޅުދޫ، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ކަން ހިނގާދިޔަގޮތް ބެލުމަށާއި އިންސާފު ގާއިމު ކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް މި ޔަގީންކަން ދެއްވީ، މިލަދުންމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް އެ މަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ އަށް ވަނަ މަންޒިލުގެ ގޮތުގައި އެ އަތޮޅު ހޮޅުދޫއަށް ފައިބާވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުން ދިޔައިރު، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި އިންސާފަށް ގޮވާލައި އެއްވެ ތިބި ރައްޔިތުންނާ ވަކިން ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެ ބޭފުޅުންނަށް ވަކިން ދައުވަތު ދެއްވައިގެން، ރައީސް ބޭއްވެވި މި ބައްދަލުކުރެއްވުން އޮތީ ހޮޅުދޫ ކައުންސިލް އިދާރާގެ ކުރިމަތީގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެ ބޭފުޅުންގެ ހުރިހާ ވާހަކަތަކެއް އަޑު އައްސަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޝުއޫރު ފާޅުކުރި ރައްޔިތުންނާއި އަދި ޒަކިއްޔާ މޫސާގެ ޢާއިލާގެ ފަރާތުން ފާހަގަކުރި ކަންބޮޑުވުންތަކާ ގުޅިގެން އިތުރަށް ކަންކަން އޮޅުންފިލުއްވައިފައެވެ.
އަދި ސަރުކާރުން ހުއްޓުމެއް ނެތި އެކަމުގައި މަސައްކަތް ކުރަމުން އަންނަކަންވެސް ސާފުކޮށްދެއްވައިފައެވެ.

