ސައުދީ އަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހުޔާ ހަސަން އަލްގަހްތާނީ ރައީސް ނައިބު ހުސައިން މުހައްމަދު ލަތީފްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ޒިޔާރަތުގައި ނައިބު ރައީސްއާއި ސައުދީ ސަފީރު ވަނީ ދެ ގައުމުގެ ޒަމާންވީ، އުހުވަތްތެރި، ބަދަހި ގުޅުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ، ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ދެއްވާ އެއްބާރުލެއްވުމާއި ދީލަތި އެހީގެ އަގުވަޒަންކުރައްވަނީ އިހުލާސްތެރިކަމާއެކުގައި ކަމުގައި ވިދާޅުވެފައެވެ.
އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

