ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މަގޫދޫ ކައުންސިލާއި، އތމ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ސްކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ވަނީ، ރަށްގިރުމުގެ މައްސަލަ ދިމާވެފައިވާތީ އެކަން ހައްލުކޮށްދެއްވުމަށާއި ފެނާއި ނަރުދަމާގެ އަދި ޞިއްޙީ މަރުކަޒުގެ މަސައްކަތްތައް އަވަސްކޮށްދެއްވުމަށާއި ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މީގެއިތުރުން މޫދަށް އެރޭނެ ސަރަހައްދަކާއި ރަށުގެ ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ފުޓްބޯޅަ ދަނޑެއް ބޭނުންވާކަން އެ ބޭފުޅުން ހާމަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.

އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދަޢުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.