ގައުމީ ލޯބީގެ ކުރިމަތީގައި ސިޔާސީ އޮއިވަރަކީ އެއްވެސް މާނައެއް އޮތް އެއްޗެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މި މޭރުމުން ވާހަކަފުޅުދައްކަވާފައިވަނީ، މިލަދުންމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނ. ވެލިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައެވެ.

ތަރައްގީއަށް ކުރާ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްގެންދިއުމުގައި ރައްޔިތުން އިންތިހާބުކޮށްފައި ތިއްބަވާ ބޭފުޅުންގެ އެއްބާރުލުން މުހިންމުކަން ހާމަކުރައްވަމުން، އެމަނިކުފާނު ވަނީ، އިންތިޚާބީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ނިސްބަތްވެވެޑައިގަންނަވާ ސިޔާސީ ޕާޓީއަކީ ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް އޮތް ހުރަހަކަށް ވެގެން ނުވާނޭ ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ ފުރިހަމަ އެއްބާރުލުމާއެކު އެފަދަ މަސައްކަތްތައް މާ ފުރިހަމައަށް ކުރިއަށްގެންދެވޭނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ޚިޔާލުތަފާތުވިޔަސް، އެއްބާރުލުން ދެއްވުމަށް، އިންތިޚާބީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް، އެ މަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ޒާތީ، އަމިއްލަ ކަންކަމަށްވުރެ ޤައުމު އިސްކުރާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭކަން ހަނދުމަފުޅުކޮށްދެއްވަމުން، އަޅުގަނޑުމެންގެ ދަރީންނަށް ދިވެހި ޤައުމު ރައްކާތެރިކަމާއެކު ފޯރުކޮށްދެވެން އޮތީ، އަމިއްލަ ނަފުސަށްވުރެ ޤައުމު އިސްކޮށް، ޤައުމީ ލޯތްބާއި އިހުސާސް އަށަގެންނެވުނު މިންވަރަކުންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އަދި ޤައުމިއްޔަތު އިސްކޮށްގެން މެނުވީ ޙަޤީޤީ ތަރައްޤީ ނާންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.