އއ. މާޅޮހުގައި ޒަހަމްތަކަކާއެކު މަރާލާފައި އޮއްވާ ފެނުނު އަބްދުއްރަޙްމާން އާދަމްގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށްފަހު، ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު ބޭއްވުމަށް ނިންމައިފިއެވެ.
އުމުރުން 63 އަހަރުގެ އަބްދުއްރަޙްމާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ނިންމީ އޭނާ މަރުވި ސަބަބު ދެނެގަތުމަށާއި، ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށްކަމަށް ފުލުހުން ބުނެއެވެ.
ޢަބްދުއްރަޙްމާންގެ ހަށިގަނޑު މާލެ ގެނެސްފައި ވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އަދި ޕޯސްޓުމޯޓަމް ހެދުމަށް އިންޑިއާގެ ޓްރިވެންޑްރަމްއަށް ފޮނުވާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
ޢަބްދުއްރަޙްމާން އާދަމްގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށްފަހު އަނބުރާ މާލެ ގެނެސް މޯޗަރީއަށް ލާފައިވަނީ ރޭ 19:50 ހާއިރުކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު މަސްޖިދުއްތައާވުން އާސަހަރާ މިސްކިތުގައެވެ.
އަބްދުއްރަހްމާންގެ ގާތިލު އޭނާ އަށް ހަމަލާ ދިނީ، އޭނާ ނިދާފައި އޮއްވައެވެ.

