ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޅޮހީ ކައުންސިލާއި، އތމ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ ސްކޫލްގައެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރައްޔިތުންނަށް ބޭނުންކުރެވޭ ގޮތަށް ޅޮހީ އިހުތިސޯސްގައި ގޯންބިލިވާދޫ ހިމަނައިދެއްވުމާއި ބަނދަރުގެ ނެރު ބަދަލުކޮށް ފަސޭހަ ފަޅެއްގެ ގޮތުގައި ހެދުމުގެ މުހިންމުކަމުގެ އިތުރުން އޮޑި އެހެލާ ސަރަހައްދުވެސް ބަނދަރާއެކު ހިމެނިގެން މަސައްކަތް އަވަސްކުރުމުގެ މުހިންމުކަން ހިމެނެއެވެ.
މީގެ އިތުރުން ސްކޫލަށް ބޭނުންވާ މަލްޓިޕަރޕަސް ހޯލަކާއި ރިސޯސް ރޫމުތައް ގާއިމުކުރުމަށް ބޭނުންވާކަންވެސް ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވިއެވެ.
އަދި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއެކު ރަށުގައި އާންމުންނަށް ބޭނުންކުރެވޭނެ ބީޗް ސަރަހައްދަކާއި ފަތުރުވެރިންނަށް ޚާއްޞަ ބީޗް ސަރަހައްދެއް ޤާއިމުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
ހައުސިން ސްކީމް ނެތް ރަށްރަށަށް ލޯނު ސްކީމެއް ހަމަޖެހިގެން ދިއުމާއި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއެއްގޮތަށް ބައިނަލްއަގުވާމީ ފެންވަރަށް ރާޅާއަޅާ ސަރަހައްދު ތަރައްޤީވެގެންދިއުމަށް އެދޭކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.
އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދަޢުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

