މިނިވަން ދުވަހާ ގުޅިގެން އަންނަ ތިން ދުވަހުވެސް ޕާސްޕޯޓުގެ ހިދުމަތްދޭނެ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ އިމުގާ ޕޯޓަލް މެދުވެރިކޮށް 65 އަހަރުން މަތީގެ މީހުންނާއި އިމަޖެންސީ ހާލަތްތަކުގައި އެ އޮފީހަށް ހާޒިރުވެގެން ވެސް ޕާސްޕޯޓަށް ހުށަހެޅޭނެ ކަމަށެވެ.
އެ ހިދުމަތް 24 ގަޑިއިރު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އިމިގްރޭޝަންގެ އޮފީހަށް ހާޒިރުވެގެން ޕާސްޕޯޓަށް ހުށަހެޅުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް ހުޅުވާލައިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ޕާސްޕޯޓާ ހަވާލުވުމަށް ނަމްބަރު ދޫކުރަން ހަމަޖެހިފައިވަނީ އެ ދުވަހުގެ ހަމަ އެ ވަގުތުތަކުގައި ކަމަށާއި އަންނަ އާދިއްތަ އަދި ހޯމަ ދުވަހު، އިމިގްރޭޝަނަށް ހާޒިރުވެގެން ޕާސްޕޯޓަށް ހުށަހެޅޭނީ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް ކަމަށެވެ.
އަދި ޕާސްޕޯޓާ ހަވާލުވާން ނަމްބަރު ދޫކުރާނީ އެ ދުވަހުގެ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

