އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު ރާއްޖެ ވަޑައިގަތުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަނިކުފާނަށް ރަތްދޫލައިގެ މަރުހަބާއެއް ކިޔުއްވައިފިއެވެ.

މޯދީގެ މި ދަތުރުފުގެ ތެރެއިން މިއަދާއި މާދަމާ ގިނަ ހަރަކާތްތަކެއް ބާއްވަން ވަނީ ހަމަޖެހިފައިވާއިރު، މާދަމާ ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ވެސް ޝަރަފުވެރިކޮށްދެއްވާނީ މޯދީއެވެ.

މިއަދު ހެނދުނު 9:15 އެހާކަންހާއިރު މޯދީ ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސް މުއިއްޒެވެ.

ރަސްމީކޮށް މޯދީއަށް މަރުހަބާ ދެންނެވުން އޮންނާނީ މިއަދު މެންދުރު ފަހު ރަސްމީ ފާލަން ސަރަހައްދުގައެވެ.

މޯދީ ވިދާޅުވެފައި ވަނީ، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަކީ ލިބޭ ޝަރަފެއް ކަމަށެވެ. އަދި، މި އަހަރަކީ ރާއްޖެއާއި އިންޑިއާގެ ގުޅުމަށް ވެސް 60 އަހަރު ފުރޭ މުނާސަބުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ރާއްޖެ-އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވެސް މޯދީ ވަނީ ވިދާޅުވެފައެވެ.