ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް، ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ.
މިކަމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި މިރޭ ބޭއްވި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަޑައިގަތުމުން، މަރުޙަބާ ދެންނެވީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޗެއަރޕަރސަން އާއިޝާ ނޫރްއައިން ޖަނާހު އަދި އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމުގެ ރަމްޒެއް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ތަރައްޤީކުރަން ފެށި އައު ޓަރމިނަލްގެ މަސައްކަތް ނިންމައި، އައު ޓަރމިނަލް ހުޅުވައިދެއްވުމަށް މިރޭ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޑްރޯން ޝޯ އާއި ހަވާ އެރުވުމުގެ ހަރަކާތްތަކެއްވެސް ކުރިއަށްގެންދިޔައެވެ.
އެއަރޕޯޓް ގެ އައު ޓަރމިނަލް ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު، ރައީސްގެ ދެކަނބަލުން ވަނީ އައު ޓަރމިނަލް ބައްލަވާލައްވާފައެވެ.
ރާއްޖޭގެ ތާރީހާއި ސަގާފަތާއި ދީނީ ތަރިކަ ރަމްޒުކޮށްދޭ ހިރިގަލުގެ ފަންނުވެރި ކެނޑުންތަކުން ފަރުމާކޮށްފައިވާ އައު ޓަރމިނަލްގައި، ރާއްޖޭގެ ހިތްގައިމު ކަނޑުގެ މަންޒަރުތަކާއި ގުދުރަތީ ރީތި ރަށްތަކުގެ ނަލަކަމާއި ކުލަތައް ހިމަނާފައިވެއެވެ.
އައު ޓަރމިނަލުގައި 47 ޗެކިންގ ކައުންޓަރާއި، 6 ސެލްފް ސަރވިސް ކައުންޓަރާއި، 20 ޑިޕާޗަރ އިމިގްރޭޝަން ކައުންޓަރާއި 6 ޕެސެންޖަރ ބޯޑިންގ ގޭޓާއި 12 އޭރޯ ބްރިޖް ހުރެއެވެ.
އަދި މި ޓަރމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިޔަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ ޓަރމިނަލެކެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކުރީގެ ޓަރމިނަލް ހުޅުވީ 1981 ވަނަ އަހަރުގައެވެ.
އައު ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، ދައުލަތުގެ ވަޒީރުންނާއި، ބޭރު ގައުމުތަކުގެ އިއްޒަތްތެރިންގެ އިތުރުން ޓަރމިނަލްގެ ތަރައްގީއަށް އެހީތެރިވެދެއްވި، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި، ކުވައިތު ފަންޑާއި، އަބޫދާބީ ފަންޑާއި، އޯޕެކް ފަންޑުންގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

