އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ އެއާޕޯޓު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި، ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
މި އައު ޓަރމިނަލް މިނިވަން ދުވަހު ހުޅުވަން ނިންމެވުމުގެ ފަހަތުގައިވާ ހިކުމަތަށްވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން، ގައުމުގެ މިނިވަންކަން ދެމެހެއްޓުމުގައި އިގްތިސާދީ މިނިވަންކަމުގެ މުހިންމުކަން ފާހަގަކުރައްވައި، އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ އެއަރޕޯޓު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އިރާދަކުރެއްވިޔާ، މި މަސައްކަތް ގުޅިގެން ދާނީ، ހާއްސަކޮށް ފަތުރުވެރިކަން، އަދި ޖުމުލަކޮށް މުޅި އިގްތިސާދީ ކުރިއެރުމާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އައު ޓަރމިނަލްގެ މަސައްކަތުގައި ދިހަ ވަރަކަށް އަހަރު ދުވަސް ހޭދަވެފައިވާކަން ފާހަގަކުރައްވަމުން، މަސައްކަތުގެ އެކި މަރުހަލާތަކުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ފަރާތްތަކުގެ އަގު ވަޒަންކުރައްވައި، އެ ފަރާތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ހާއްސަކޮށް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނަންފުޅު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ސަރުކާރުގެ ބަޖެޓުން ކުރެވުނު ހޭދައިގެ އިތުރަށް މި މަސައްކަތަށް ބޭނުންވި ހުރިހާ އެހީތެރިކަމެއް ދެއްވި ހަތަރު ފަންޑު ކަމުގައިވާ، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި، އޯޕެކް ފަންޑް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓާއި، ކުވައިތު ފަންޑް ފޯ އަރަބް އިކޮނޯމިކް ޑިވެލޮޕްމަންޓާއި، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް، އަދި އެ އިދާރާތައް ނިސްބަތްވާ ގައުމުތަކަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން، މަސައްކަތުގެ ދުވެލި ހަލުވިކޮށްދެއްވާ މަސައްކަތް ފުރިހަމަ ކުރެއްވުމުގައި ޖުމުލަކޮށް ބައިވެރިވެވަޑައިގެންނެވި ހުރިހާ ފަރާތަކަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ކާމިޔާބީ އަކީ ގިނަ ބަޔަކު އެކުގައި ކުރާ ބުރަ މަސައްކަތުން ހާސިލު ކުރެވޭނެ ކަމެއް ކަމަށާއި، ރޭ ފާހަގަކުރަނީ އެ ފަދަ ތާރީހީ ކާމިޔާބީއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

