ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އަމަލީ ގޮތުން މިހާރު ފެންނަމުން އެދަނީ، އަދި ފެންނަމުން ދާނީވެސް ތަރައްގީގެ މަސައްކަތްތައް ކަމަށާ، ނަމަވެސް ތަރައްގީ ހާސިލުވާން އޮތީ، އަމިއްލަ ނަފުސު އިސްލާހުކުރުމުގެ ވިސްނުމާއިގެން ކުރިއަށްދާން، ނަފުސާއި ސިކުނޑި ތަރައްގީ ކުރަން ނިންމައިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޒުވާނުންގެ މަރުކަޒުގައި މިއަދު ހެނދުނު އޮތް، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި، ގައުމާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އަމިއްލަ ނަފުސާއި ސިކުނޑި ތަރައްޤީކުރަން ނިންމައިގެން ނޫނީ ހަގީގީ ތަރައްގީ ހާސިލުވާން ނެތްކަން ހަނދާންކޮށްދެއްވައި، ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ، ދިވެހިންނަކީ ކޮން ބައެއްކަމާއި، ދިވެހީންނަށް ވީތީ ފަހުރުވެރިވެ، އަބުތާލުންގެ ޖިހާދަށް ލޯމަރާލެވެން ނެތްކަން ގަބޫލުކޮށް، ދިވެހިބަހާއި އިސްލާމް ދީނަށް، އަދި ގައުމިއްޔަތަށް އިސްކަންދިނުމަށް ކޮންމެ ފަރުދަކުވެސް ނިންމުމުން ނޫނީ، ޤައުމަށް ތަރައްގީ ގެނައުމުގެ އެއްވެސް މާނައެއްނެތްކަމަށެވެ.
މިނިވަންކަމަކީ ވަރަށް ގިނަ ބައެއްގެ މިންނެތް، އިޚްލާސްތެރި، ބުރަ، ޤައުމީ މަސައްކަތުން އަދުގެ ދިވެހި ރައްޔިތުންނާ ހިސާބަށް ގެނެސްދެވިފައި އޮތް އެއްޗެއް ކަމަށާ، އަންނަން އޮތް ޖީލުތަކަށް މިކަން މިގޮތުގައި ފޯރުކޮށްދިނުމަކީ ދިވެހި ކޮންމެ ފަރުދެއްގެ މައްޗަށް އޮތް ޒިންމާއެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
”ދިވެހި ގައުމުގެ މިނިވަންކަން ރައްކާތެރިކުރުމުގައްޔާއި، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުގައި، ތިމަންނާ މަސައްކަތްކޮށްފީވިއްޔާ އެކަންޏޭ އެކަން އެވާނީ. މިއީ އަޅުގަނޑުމެން ކޮންމެ މީހަކު، އެއްވެސް ޝައްކެއްނެތި، މިއަދު ޔަޤީންކަމާއެކު ގަބޫލުކުރަންޖެހޭނެ ހަގީގަތަކީ،“ ރައީސް ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސް މުއިއްޒު ވަނީ، އަންނަން އޮތް ޖީލުތަކަށް މިނިވަންކަން ފޯރުކޮށްދެވޭނެ މި ނޫން ގޮތެއް ނެތްކަން ހަނދާންކޮށްދެއްވައި، ގައުމީ ލޯބި އިސްކުރެވެން އޮތީވެސް މިމޭރުމުން ކަމުގައި ވިދާޅުވެފައެވެ.
އެމަނިކުފާނުގެ ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ދިވެހީން އިސްކުރުން ކަމަށާ، އެހެން ބައެއްގެ އެހީ ހޯދިކަމުގައި ވީ ނަމަވެސް، ދިވެހީންނަށް ބޭނުންވާ ކަންކަން ދިވެހީންގެ އަމިއްލަ އަތުން ކުރުން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
އަދި ދިވެހީންނަށް ފައިދާކުރަނިވި ކޮންމެ ކަމެއްގައި، ބޭރު ޤައުމުތަކާ ގުޅުން ބޭއްވުންވެސް އޭގެ ތެރޭގައި ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިކަން ކުރެވެން އޮތީވެސް އެންމެންވެސް އެއް މިސްރާބަކަށް ކުރިއަށް ގޮސްގެން ކަމަށާ، ގައުމެއް، ގައުމެއްގެ ގޮތުގައި ދެމިއޮންނާނީވެސް މި ވިސްނުމުގައި ގައުމީ ލޯބި އިސްކޮށްގެންކަމުގައި ވީ ހިނދު، މިކަން މިގޮތަށް ކުރުމުގެ އަޒުމު ކަނޑައެޅުމަށް ދިވެހި ރައްޔިތުންނަށް، ރައީސް އިލްތިމާސްކުރެއްވިއެވެ.

