ސަރުކާރުން ފޯރުކޮށްދެއްވާ ސިއްހީ ހިދުމަތްތަކުގެ ތެރޭގައި ހިމެނިގެން އައިނު ހެއްދުމުގެ ހިދުމަތް ފޯރުކޮށްދެއްވުމަށްޓަކައި ގާއިމުކުރެއްވި، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ އައިނު ފިހާރަ، އެމްސީޖީއެޗް އޮޕްޓިކަލްސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

މި ފިހާރަ ހުޅުއްވައިދެއްވާފައިވަނީ، މިކަމަށްޓަކައި، މިއަދު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ، އެ ފިހާރަ ބައްލަވާލައްވާފައެވެ.

އަދި އެ ފިހާރައިން ހިދުމަތް ހޯއްދެވި ފުރަތަމަ ތިން ފަރާތާ، އައިނު ހަވާލުކޮށްދެއްވާފައި ވަނީވެސް އެމަނިކުފާނެވެ.

އައިނު ހެއްދުމަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކޮށްދެއްވައި، ރަނގަޅު ފެންވަރުގެ އައިނު، ލުއިފަސޭހަކަމާއެކު، ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އައިނު ވިޔަފާރި ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާނު ކުރެއްވީ މޭ މަހުގެ 31 ގައެވެ.

ދެ މަސްދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައި ޤާއިމުކުރި، އެމްސީޖީއެޗް އޮޕްޓިކަލްސް އިން، ލޮލުގެ ނަންބަރު ނެގުމާއި، ލޮލުގެ ބައެއް ބަލިތައް ދެނެގަތުމާއި، އައިނު ހެއްދުމުގެ ހިދުމަތް ފޯރުކޮށްދެމުންދާނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވަނީ، އޮގަސްޓް މަހު ހުޅުމާލޭގައި، އަދި ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖޭގެ ފަސް ރީޖަނަލް ހޮސްޕިޓަލުގައިވެސް، އައިނު ހެއްދުމުގެ ހިދުމަތް ފައްޓަވައިދެއްވާނޭކަން އިއުލާނު ކުރައްވާފައެވެ.