ދިވެހިރާއްޖޭގެ ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ޖަސްޓިސް ބިލްޑިންގ އެނެކްސްގައި ގާއިމުކުރި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުވައިދެއްވައިފިއެވެ.
ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މައްސަލައިގެ އަޑުއެހުންތައް ލަސްވެ، ޙުކުމަކާ ހަމައަށް ވާޞިލުނުވެ ދިގުލައިގެން ދިއުންކަމުގައި ވީ ހިނދު، ހުޅުމާލޭގައި ތަރައްގީ ކުރި ޖަސްޓިސް ބިލްޑިންގ އެނެކްސްއަކީ ހުޅުމާލޭގައި ތަރައްގީ ކުރަން ހަމަޖެހިފައިވާ ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރެވެންދެން ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް، މިވަގުތަށް ޙައްލު ހޯދައިދިނުމަށް ތައްޔާރުކުރެވުނު އިމާރާތެކެވެ.
މި 2 ކޯޓު މީގެ ކުރިން ހިންގަމުން އައިސްފައިވަނީ މާލޭގައެވެ.
ރައީސް މިއަދު ހުޅުވައިދެއްވި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އައު އިމާރާތް ބޭނުންކުރަން ފެށުމުން، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، މައްސަލައިގެ އަޑުއެހުންތައް ލަސްވެ، ޙުކުމަކާ ހަމައަށް ވާޞިލުނުވެ، ދިގުލައިގެން ދިއުމުގެ މައްސަލައަށްވެސް ހައްލު ލިބިގެންދާނެއެވެ. މިއަދު ހުޅުވި އިމާރާތުގައި ޑްރަގް ކޯޓަށް ޚާއްޞަ 5 ކޯޓު ރޫމް އަދި ކްރިމިނަލް ކޯޓަށް ހާއްސަ 10 ކޯޓު ރޫމް ހިމެނެއެވެ.
އަދި ފަނޑީޔާރުންނަށް ހާއްސަ 17 ކޮޓަރީގެ އިތުރުން، ދިފާޢީ ވަކީލުންނަށާއި ދައުލަތުގެ ވަކީލުންނަށް ބޭނުން ކުރެވޭނެ ޖާގަތަކެއްވެސް ވަނީ ކަނޑައަޅާފައެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ހަވާލުކުރައްވައިގެން ކުރިއަށް ގެންދެވި މި މަޝްރުޢޫގެ ދަށުން ތަރައްގީ ކުރި އައު އިމާރާތުގެ ކޯޓު ރޫމްތަކަކީ ޖާގައިގެ ގޮތުން ތަނަވަސް ތަންތަނަށް ވުމުން، ޝަރީއަތްތައް ހިންގުމަށާއި ކަމާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުމަށް، ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ޖާގައިގެ ތަނަވަސްކަން ލިބޭނެއެވެ.
ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، ހުޅުމާލޭގައި ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް، މިއަހަރު ފައްޓަވާނެ ކަމުގައި ރައީސް މި އަހަރު ދެއްވި ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
އަދި މި ކޮމްޕްލެކްސް ނިމެންދެންވެސް ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު، ޖާގަ ތަނަވަސް އިމާރާތަކަށް ބަދަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށާއި، މި އަހަރުގެ އޮގަސްޓު މަހުގެ ކުރިން ހުޅުމާލޭގައި މި ދެ ކޯޓު ހިންގަން ފެށުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ނިންމައިލެވޭނެކަމުގައި ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން، ނުހިނގާ ހުރި ގިނަ މައްސަލަތައް ހިނގަން ފަށާނެކަމަށާއި، ވާނުވާގައި ތިބި އެތައް ބަޔަކަށް އިންސާފު ލިބި، ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ފެބުރުއަރީ 6 ވަނަ ދުވަހު ދެއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
