ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ދިވެހިރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ދެ ގައުމުން ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ، ގުޅިފައިވާ ބަޔާނެއް ދެއްވައިފިއެވެ.

މި ބަޔާން ދެއްވާފައިވަނީ، މިއަދު ހަވީރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއަކީ އިންޑިއާ ކަނޑުން ބަނދެވިފައިވާ، ގާތްތިމާގެ ގައުމުތަކެއްގެ ގޮތުގައި، ދެފަރާތުގެ އިހްތިރާމާއި ދޭދޭ ފެންވަރުގައި ހިއްސާކުރަނިވި އުންމީދުތަކެއްގެ މައްޗަށް ބިނާވެފައިވާ، ޒަމާންވީ އެކުވެރިކަމެއް އޮތް ދެ ގައުމުގެ ގޮތުގައި ސިފަކުރެއްވިއެވެ.

އަދި މިއީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުނު މުނާސަބު އަހަރަށް ވާއިރު، މިއީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުނު ތާރީހީ މުނާސަބު އަހަރު ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ ޖުލައި 26، 1965 ގައެވެ. ސްރީލަންކާ ހިމެނެނީ ދިވެހިރާއްޖެއާއި އެންމެ ފުރަތަމަ ސިޔާސީ ގުޅުން ޤާއިމުކުރި ޤައުމުތަކުގެ ތެރޭގައެވެ.

ސްރީލަންކާގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރެއްވުމުގައި، ސްރީލަންކާގެ ރައީސް، ޑިސަނާޔަކެ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތައުރީފު ކުރައްވައި، އެމަނިކުފާނުގެ ޒައާމަތުގައި، ވިލުންތެރި، ޝާމިލު އިގްތިސާދެއްގެ ގޮތުގައި ސްރީލަންކާގެ އިގްތިސާދު އިތުރަށް ހަރުދަނާވެގެންދާނެކަމުގެ ޔަގީންކަން އެބައޮތްކަމުގައިވެސް ރައީސްގެ ބަޔާނުގައި ވިދާޅުވިއެވެ.

މިއަދު ބޭއްވެވި މަޝްވަރާތަކުގެ ތަފްސީލު ދެއްވަމުން ރައީީސް ވިދާޅުވީ، ވިޔަފާރީގެ ދާއިރާއާއި، ދިފާއީ ދާއިރާއާއި، ތައުލީމާއި، ވޮކޭޝަނަލް ތަމްރީނާއި، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާގެ އިތުރުން، ތިމާވެއްޓާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ދެ ފަރާތަށްވެސް ހުރި ފުރުސަތުތައް ދެނެގަނެވިފައިވާކަމަށެވެ.

އަދި މިއަދު ބަދަލުކުރެވުނު އެއްބަސްވުމުން ދޭހަކޮށްދެނީ ދެ ގައުމުގެ މެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެ ގައުމުންވެސް ދޭ އަހައްމިއްޔަތުކަން ކަމުގައި ރައީސް ވިދާޅުވިއެވެ.

ތައުލީމީ ދާއިރާގައި ސްރީލަންކާގެ ހިދުމަތުގެ އަގު ވަޒަންކުރައްވައި، ގާބިލުކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގައި، އިލްމު ހިއްސާ ކުރުމާއި، އިލްމީ މުއައްސަސާތަކުގެ މެދުގައި ގާތް ގުޅުމެއް އުފައްދައި، އެއްބާރުލުން އިތުރުކުރުމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ގައުމުންވެސް އެއްބަސްވެވަޑައިގެންފައިވާކަމުގައި ރައީސް ވިދާޅުވިއެވެ.

ސްރީލަންކާގެ ރައީސް، ޑިސަނާޔަކެ ދެއްކެވި ވާހަކަފުޅުގައި، ސަގާފީ ގުޅުންތައް ހިމެނޭހެން ޖަޒީރާ އަވަށްޓެރިންގެ ގޮތުގައި އޮތް 2 ގައުމުގެ ހައިސިއްޔަތުން ގުޅިފައިވާ ގުޅުންތައް ފާހަގަކުރައްވައި ރައީސް ފާޅުކުރެއްވި ޝުއޫރުތައް ތަކުރާރުކުރެއްވިއެވެ.

އެގޮތުން ތައުލީމާއި ވިޔަފާރިއާއި އިންވެސްޓްމަންޓާއި ފަތުރުވެރިކަމާއި ދެމެހެއްޓެނިވި މަސްވެރިކަމާއި ދަނޑުވެރިކަމާއި ޒުވާނުން ބާރުވެރިކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރަށް ވަރުގަދަކުރުން ހިމެނޭ ގޮތަށް ދެގައުމުގެ ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި އަޒުމުތަކަށް ތައުރީފުކުރައްވައި، އެފަދަ މޭރުމަކުން ސްރީލަންކާގައި ކުރިއަށްގެންދާ ”ކްލީން ސްރީލަންކާ“ ޕްރޮގްރާމްގެ ވާހަކަ، ރައީސް، ޑިސަނާޔަކެ ފާހަގަކުރެއްވިއެވެ.

އަދި ރައީސް މުއިއްޒު ސްރީލަންކާއަށް ވަޑައިގަތުމަށް ވެސް ސްރީލަންކާގެ ރައީސް، ޑިސަނާޔަކެ ވަނީ ދައުވަތު އަރުވާފައެވެ.

ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ދޭދޭ ގުޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ކޮންސިއުލަރ ހިދުމަތް އިތުރަށް ހަރުދަނާކޮށްދެއްވައި، ގަވާއިދާ ހިލާފަށް ކުރާ މަސްވެރިކަމާ ދެކޮޅަށް މަސައްކަތްކުރެއްވުމުގެ އިތުރުން އިލްމު ހިއްސާކުރުމާއި، ކަނޑުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމުގައި އެއް ގައުމު، އަނެއް ގައުމަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަންވެސް ދެ ގައުމުގެ ލީޑަރުން ވަނީ ދެއްވާފައެވެ.