ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި، ޞުލްޙަމަސަލަސްކަމާއި ކުރިއެރުން ހަރުދަނާކުރުމާއި، އެއްބައިވަންތަކަމާއި، އެއްވިސްނުމެއްގެ މައްޗަށް ބިނާވެފައިވާ މުސްތަގްބަލެއް ބިނާކުރުން ހިމެނޭހެން، ހިއްސާ ކުރެވޭ އުއްމީދުތައް ހާސިލްކުރުމުގައި، އަދުގެ ސަރުކާރުން ސްރީލަންކާއާ ގާތުން މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަކުރާރު ކުރައްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ޝަރަފުގައި ރޭ ދެއްވި ފުރަމާނަ ޖާފަތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގުޅުމަކީ އަވަށްޓެރިކަމުގެ ގުޅުމަށްވުރެ މާ ބޮޑު ގުޅުމެއްކަމުގައި ވިދާޅުވިއެވެ.
60 އަހަރުވީ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއާއި ސްރީލަންކާގެ ގުޅުމަކީ ހިއްސާކުރެވޭ ތާރީޚާއި، އާންމު އާދަކާދައާއި ދޭދޭ ރައްޔިތުންގެ މެދުގައި އޮތް ބަދަހިގުޅުމުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް ކަމުގައި ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ދިވެހީންނާ މެދު ސްރީލަންކާގެ ރައްޔިތުން ބަހައްޓާ ގާތްކަމާއި، އަދާކުރާ ހޫނު މެހެމާންދާރީއާއި، އެ ރައްޔިތުންގެ ދީލަތިކަމަކީ ދިވެހީންގެ ހިތްތަކުގައި އެތައް ޒަމާނަކަށް ދެމި ހުންނާނެ އަސަރުތަކެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ.
އަދި ފަތުރުވެރިކަމާއި ޑިޖިޓަލް ޓެކްނޮލޮޖީއާއި ސަގާފަތާއި ސެކިއުރިޓީ ފަދަ ދާއިރާތައް ހިމެނޭ ގޮތަށް، ދޭދޭ އިޤްތިޞާދީ އަދި ތަރައްޤީގެ ދާއިރާއިން ގުޅުން ބަދަހިވަމުންދާދިއުމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
ހަމަ މިއާއެކު، އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާތައް ހިމެނޭހެން، ދެޤައުމުގެ މެދުގައި އޮތް ގުޅުމުގެ ވަރުގަދަކަން ދައްކުވައިދީ، ހަލުވިކަމާއެކު ތަރައްޤީވަމުން އަންނަ ދުނިޔޭގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމުގެ އެއް އަމާޒެއްގައި މަސައްކަތްކުރެއްވުމުގެ ރޫޙު، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ހިއްސާކުރެއްވިއެވެ.
އަދި 2 ޤައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށް އިޝާރާތްކުރައްވައި، އެއީ މާނަހުރި އަދި ބިނާކުރަނިވި މަޝްވަރާތަކެއްކަމުގައި ވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދޭދޭ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމުގައި ވިދާޅުވެ، ސްރީލަންކާއާ ގުޅިގެން އިތުރު ފުރުޞަތުތައް ތަނަވަސްކޮށްދެއްވުމަށާއި، ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށާއި، ސަރަޙައްދީ ހަމަޖެހުން ދެމެހެއްޓުމަށް ރާއްޖެއިން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

