އިއްޔެ ލ. މާވަށުގައި މަރާލި ޒުވާނާގެ ހަށިގަނޑު ރޭގެ ވަގުތެއްގައި މާލެ ގެނެސްފިކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ މާވަށުގައި ހިނގި މާރާމާރީއެއްގައި މަރުވި މޫސާ އިބްރާހީމްގެ ހަށިގަނޑު، ތަހުގީގަށް ބޭނުންވާ އިތުރު ތަހުލީލުތައް ހެދުމަށް ރޭ މާލެ ގެނެސްފައިވާ ކަމަށް ބުނެފައެވެ.

ޒަހަމްވި މީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައިކަން އެރަށު ސިއްހީ މަރުކަޒުން ފުލުހުންނަށް ކަށަވަރުކޮށްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހަމަލާއާ ގުޅިގެން މަރުވެފައިވަނީ އެ ރަށު ނަލަހިޔާ، މޫސާ އިބްރާހިމް (29) އެވެ. މި ހަމަލާ އޭނާއަށް ދީފައިވަނީ ރަށުގެ އާއްމުން ތިބި ސަރަހައްދެއްގައި ހިނގި ދެބަސްވުމެއްގެ ތެރެއިންނެވެ. އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ހދ. ނޮޅިވަރަންފަރު އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް (29) ކަމަށެވެ. އޭނާ މިހާރު ހުރީ މާވަށު ފުލުހުންގެ ބެލުމުގެ ދަށުގައެވެ.