ލ. މާވަށުގައި އެ ރަށު މޫސާ އިބްރާހިމް މަރާލަން ދިން ހަމަލާގައި ހައްޔަރުކުރި ޒުވާނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރީ ހދ. ނޮޅިވަރަމް، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމެވެ.

ފުލުހުން ބުނީ، އުމުރުން 29 އަހަރުގެ މުހައްމަދުގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މާވަށުގައި އިއްޔެ ދިން ހަމަލާގައި ނިޔާވީ އެ ރަށު މޫސާ އިބްރާހިމް 29އެވެ.

މި މާރާމާރީގައި ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ހޯދީ ފުލުހުންގެ ޓީމަކުން މޫދަށް ފީނައިގެންނެވެ.

މޫސަގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި މުހައްމަދަކީ މަސްތުވާތަކެތީގެ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ.

ފުލުހުން ކުރިން ވިދާޅުވި ގޮތުގައި، މޫސައަށް ދިން ހަމަލާއާ ގުޅިގެން ފަރުވާ ދިނުމަށް ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައެވެ. އެނގިފައިވާ ގޮތުގައި، ހަމަލާ ދީފައިވަނީ އޭނާގެ ކަރަށެވެ.