ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަދި އަމިއްލަ ހަރަދުގައި ބޭހަށް ދާ މީހުންނަށް ޑޮލަރު ދޭ ލިމިޓް މިއަދުން ފެށިގެން އިތުރުކޮށްފިއެވެ.
ރާއްޖެއިން ބޭރަށް ދާ މީހުންނަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދުގެ ނިޔަލަށް ދެމުން ދިޔައީ މީހަކަށް 500 ޑޮލަރެވެ.
ބީއެމްއެލުން ބުނީ މިއަދުން ފެށިގެން އެންސްޕާ އެހީ ލިބޭ ބަލި މީހުންނަށް 2000 ޑޮލަރާ ހަމައަށް ދޫކުރާނެ ކަމަށެވެ.
އަދި އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ބަލި މީހުންނަށްވެސް 1000 ޑޮލަރު ލިބޭނެ އިންތިޒާމު މިއަދުން ފެށިގެން ހަމަޖައްސާފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.
ގައުމީ ބޭންކުން މިގޮތަށް ހަމަޖައްސާފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަތުމާ ގުޅިގެންނެވެ.
ބޭސްފަރުވާއަށް ދާ މީހުންނަށް ޑޮލަރު ދޫކުރަން ނިންމާފައިވަނީ އިންޓަނެޓް ނުވަތަ މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް އެކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުންނެވެ.
އާސަންދައިގެ ދަށުން ބޭހަށްދާ މީހެއް ނަމަ ބަލިމީހާ އަދި އެހީތެރިޔާގެ ޓިކެޓް އަދި ޕާސްޕޯޓް ކޮޕީގެ އިތުރުން އާސަންދަ އެޕްރޫވަލް ނުވަތަ ރިކޮމެންޑޭޝަން ލެޓާ ހުށަހަޅަން ޖެހޭނެއެވެ.
އެންސްޕާގެ އެހީގައި ބޭރަށް ދާ މީހުންނަށް ޑޮލަރު ދޫކުރަން ހަމަޖެހިފައިވަނީ އެންސްޕާއިން އެހީ ހަމަޖެހުނު ކަމުގެ ލިޔުން، ބަލިމީހާ އާއި އެހީތެރިޔާގެ ޓިކެޓާއި ޕާސްޕޯޓް ކޮޕީ ހުށަހެޅުމުންނެވެ.

