ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް 10 ދުވަސް ކުރިމިނަލް ކޯޓުން ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ތ. ތިމަރަފުށީ މަސީހު މޫސާ، (25އ)އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ.

ފުލުހުން ރޭ ބުނީ، މަސީހު މޫސާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 10 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

މަސީހު މޫސާ ރައީސްއަށް މަރުގެ އިންޒާރު ދީފައިވަނީ ފޭސްބުކް މެދުވެރިކޮށް އޭނާ ލިޔުނު ޕޯސްޓެއްގައެވެ.

އޭނާ އެ ޕޯސްޓު ލިޔެފައިވަނީ، މަސްތުވާތަކެތި އެތެރެކުރާ މީހުންނާއި ވިއްކާ މީހުންނަށް މަރުގެ އަދަބު ދޭން މަޝްވަރާކުރުމަށް ރައީސް އެންގެވި ހަބަރެއް ހިއްސާ ކުރަމުންނެވެ.