މޫނުގެ ހަންގަނޑު އޮމާންކޮށް، ރީތިކޮށް ބެހެއްޓުމަށްޓަކައި އެކި ފާޑު ފާޑުގެ ކޮސްމެޓިކްސް ބޭނުންކުރުމަށްވުރެ، ގޭތެރޭގައި ކުރެވިދާނެ ކަންކަން ކޮށްލުމުން، އެފަދަ އުފެއްދުންތަކުގެ ”ސައިޑް އިފެކްޓް“ތަކުން ސަލާމަތް ވެވިދާނެއެވެ.
މިގޮތުން ފަސޭހައިން ލިބެން ހުންނަ ކަރަންފުލަކީ ރީތިކަން ދެމެހެއްޓުމަށް ބޭނުން ކުރެވިދާނެ، އޭގައި ގިނަ ފައިދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. މިއީ، މޫނުގެ ހަންގަނޑު އަލިކޮށްދީ، ރޫތައް ފިލުވައިދީ، ޒުވާންކަން ދަމަހައްޓައިދޭ އެއްޗެކެވެ.
މި ހިއްސާ ކޮށްލަނީ ކޮންމެ ދުވަހަކު ހެނދުނު ހޭލާ ގޮތަށް މޫނުގައި އުނގުޅަން ރަނގަޅު އައިސް ކިޔުބެއް ތައްޔާރުކޮށްލާނެ ގޮތެވެ.
ބޭނުންވާނެ ތަކެތި:
އެއް މޭޒުމަތީ ސަމުސާ ކަރަންފޫ
8 ކުދީނާ ފަތް
ދެ ޖޯޑު ފެން
އެއް މޭޒުމަތީ ސަމުސާ ރޯސް ވޯޓަރ ( ބޭނުންނަމަ)
ތައްޔާރު ކުރާނެގޮތް:
ކަރަންފުލާއި ކުދީނާ ފަތް 5 މިނެޓާއި 10 މިނެޓާ ދެމެދުގެ ވަގުތަކަށް ފެނުގައި ކައްކާލާށެވެ. އެއަށްފަހު ހޫނުކަން ކެނޑުމުން، ފުރާނާލައި، އައިސް ކިއުބް ޓްރޭއަށް އަޅައި، އައިސް ކިޔުބް ހެދުމަށް ފްރިޖުގައި ބަހައްޓާށެވެ.
ބޭނުން ކުރާނެ ގޮތް:
ކޮންމެ ދުވަހަކު ހެނދުނު މޫނު ސާފުކޮށްލުމަށްފަހު، އައިސް ކިއުބް ޓްރޭއިން ކިއުބެއް ނަގައި މުޅި މޫނުގައި ހާކާށެވެ. އެއަށްފަހު، ސާފު ފޮތިކޮޅަކުން މޫނު ހިއްކާލާށެވެ.

