ރަންފަރު ފަޅަކީ މާޅޮހުގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައިފި

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައެޅުއްވީ ގާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އެކަށައެޅުއްވި ގަރާރު ނަންބަރު 20/2025 ގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް، އަރިއަތޮޅު އުތުރުބުރީ ”ރަންފަރު“ ފަޅަކީ އެ އަތޮޅުގެ ”މާޅޮސް“ ގެ ބައެއްގެ ގޮތުގައި އިތުރުކުރައްވައި، އަރިއަތޮޅު އުތުރުބުރީ ”ރަންފަރު“ ގެ ނަން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތް ކަނޑައަޅުއްވައި، ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) ގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކުރައްވައިފައެވެ.

އަރިއަތޮޅު އުތުރުބުރީ މާޅޮހުގެ ބައެއްގެ ގޮތުގައި އެ އަތޮޅު ރަންފަރު ކަނޑައަޅައިދެއްވުމަކީ އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް، ޑިސެމްބަރު 2024 ގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގައި، އއ. މާޅޮހު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސްގެ ވައުދުފުޅެކެވެ.