ނިމިދިޔަ ސަރުކާރުން ”ގެދޮރުވެރިޔާ“ ސްކީމުގެ ދަށުން ފްލެޓް ހޯދުމަށް އަލުން ފޯމު ހުށަހަޅަން ޖެހޭ ކަމަށް ބުނެ، ސްކޭމް މެސެޖުތަކެއް ފޮނުވާތީ އެކަމަށް ސަމާލުވުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.

މިގޮތުން ފޮނުވަމުންދާ މެސެޖުގައި ބުނެފައިވަނީ، އެ ސްކީމުގެ ދަށުން ކުރިން ހުށަހެޅި ފޯމުތައް ބާތިލުކޮށް، އަލުން ފޯމު ލުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ފޯމް ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ބުނެ، މެސެޖުގައި ވަނީ ލިންކެއް ވެސް ހިމަނާފައެވެ.

ފުލުހުން ވަނީ، އެ މެސެޖަކީ ސައްހަ މެސެޖެއް ނޫން ކަމަށްބުނެ، އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

އަލުން ފުލެޓަށް ފޯމު ހުށަހަޅަން ހުޅުވާލި ކަމަށް ބުނެ، ސައްހަ ނޫން މެސެޖެއް ދައުރުކުރަމުން އަންނައިރު، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން އަންނަނީ ފުލެޓުތައް ދިނުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންނެވެ.