ހިޔާ ފުލެޓެއްގެ އެޕާޓްމަންޓެއް ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފްލޭވާ ފުޅިތަކެއް ފުލުހުން ހޯދައިފިއެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ރޭ 9:14 ހާއިރު ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ހިޔާ ފުލެޓުގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ވޭޕް ފްލޭވާ ފުޅިތަކެއް ފެނިފައިވާ ކަމަށެވެ.
އެ މައްސަލައިގައި ޖުމުލަ 242 ވޭޕް ފްލޭވާ ފުޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމުގެ މައުލޫމާތެއް ފުލުހުން ދީފައެއް ނުވެއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި ވޭޕް އެތެރެކުރުން މިދިޔަ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން ވަނީ މަނާކޮށްފައެވެ.

