ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕް (ޕީޖީ) އޮތީ އެކަތިގަނޑެއް ގޮތުގައި ކަމަށާއި، ރޫޅާ ލެވިދާނެ ކަމަށް ހީކުރުމަކީ ކުށްހީއެއް ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވެފައިމިވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 13 ނުވަތަ 14 މެމްބަރަކު އެ ޕާޓީން ވަކިވާނެ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވުމާ ގުޅިގެން އެ ވާހަކައަށް ރައްދު ދެއްވަމުންނެވެ.
ފަލާހު ވިދާޅުވީ ޕީއެންސީ ޕީޖީ ގްރޫޕް ރޫޅާލެވިދާނެ ކަމަށް ހީކޮށް އެފަދަ ބުހުތާން ދޮގު ވާހަކަ ފެތުރުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ.
އަދި އެފަދަ ފިތުނަ ފަތުރައިދޭ މަތިން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދާދިފަހުން އައްބާސް އެގެއަށް ގެންގޮސް 3 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް އައްބާސްގެ މެސެޖުން ބާރު ލިބޭ ކަމަށާއި، ކިތަންމެ ނުބައި ޕްލޭންތަކެއް ރާވާ މިފަދަ މޮޔައިން ލައްވާ މިފަދަ މެސެޖު ކުރުވިޔަސް، އެކަން ކާމިޔާބު ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ ގާނޫނު އަސާސީގެ 73 މާއްދާގެ (ހ) ގައި ބުނާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ކިބައިގައި ހުންނަންޖެހޭ ބުއްދި ސަލާމަތުން ހުންނަންޖެހޭ ކަމަށް ބުނާ އެންމެ މުހިންމު ޝަރުތު، އައްބާސްގެ ކިބައިގައި ހުރިކަމާ މެދު މިހާރު ޝައްކުވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
އަދި މިފަދަ ފިތުނަވެރި ނުބައި ވާހަކަތަށް ފެތުރުމަކީ ތިމާގެ ސިޔާސީ ހުނަރުވެރިކަން ހާމަކޮށްދޭ ކަމެއް ކަމުގައި ދެކުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށާއި އެކަމުން އަންގައިދެނީ ތިމާއަކީ އެއްވެސް އަހުލާގެއް ނެތް ބުއްދި ގޯސް މޮޔައެއްކަން ކަމަށް އޭނާ ވިދާޅުވިއެވެ.
އައްބާސްގެ ވާހަކަތައް ކޮންގްރެސް ޕާޓީގެ ލީޑަރޝިޕްގެ އެހެން ބޭފުޅުން ވެސް އަންނަނީ ދޮގު ކުރަމުންނެވެ.

