ބައިބައިވާ ވަރަށްވުރެ ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕު މާ ވަރުގަދަވާނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް ދެއްކެވީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އައްބާސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީގެ 13 ނުވަތަ 14 މަޖިލިސް މެންބަރަކު ގޮނޑި ގެއްލުނު ކަމުގައިވީ ނަމަވެސް ރައްޔިތުންގެ ފަޅިއަށް އެރުމަށް ތައްޔާރަށް ތިބި ކަމަށެވެ.
އައްބާސްގެ އެ ވާހަކަތަކަށް ރައްދުދެއްވުމަށް އަބްދުއްރަހީމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީ ޕީޖީގެ އެ ބައްދަލުވުމުގައި އޭނާ ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
އަދި އައްބާސްގެ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
”މިހެން ފަތުރާ ދޮގު ހަބަރުތަކުން ބައިބައިވާ ވަރަށްވުރެ ޕީއެންސީގެ ޕީޖީ މާ ވަރުގަދަވާނެ،“ އަބްދުއްރަހީމްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
އައްބާސްގެ އެ ވާހަކަތަކަށް ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވެސް ވަނީ ރައްދުދެއްވައިފައެވެ.
ފަލާހު ވިދާޅުވީ، ޕީއެންސީގެ ޕީޖީ އޮތީ ވަރަށް ބަދަހިކޮށް ކަމަށާއި، ރޫޅާލެވިދާނެ ކަމަށް ހީކުރުމަކީ ކުށްހީއެއް ކަމަށެވެ.

