މާލެ ޓްރެފިކް ޕޮލިސް ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ މާލެ ސިޓީ ޕޮލިސް ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް އަބްދުﷲއެވެ.

މި ޕްރޮގްރާމުގައި، ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓް ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރުއާއި، ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ފަސީހުއާއި، ކޮމިޝަންޑު ބައެއް އޮފިސަރުންނާއި ޓްރެފިކް ފުލުހުން ބައިވެރިވެލެއްވިއެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އޮޑިޓޯރިއަމްގައި މިއަދު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ‘’ވެށި ހެޔޮ މުޖުތަމައު“ ގެ ނަމުގައި ޕްރެޒެންޓޭޝަނެއް ހުޅަހަޅާފައިވެއެވެ.

މި ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވީ ވެމްކޯގެ ހިއުމަން ރިސޯސް ޖެނެރަލް މެނޭޖަރ މުހައްމަދު ޝާންއެވެ.

މި ޕްރެޒެންޓޭޝަންގައި، އާންމު މީހެއްގެ ނަޒަރުން ޓްރެފިކް ޕޮލިސް މަގުމަތިން ފެންނަގޮތާއި ރަނގަޅުކުރުމަށް ކުރާނެ ކަންކަން ބުނެދެއްވިއެވެ.

އަދި މަގުމަތީގައި ހިނގާ އެކްސިޑެންޓުތަކާއި އެހެނިހެން ތަފާތު ހާލަތްތަކުގައި ޓްރެފިކް ފުލުހުންގެ ކިބައިން ފެންނަ ރިވެތި އަހުލާގާއި ލިބޭ އެހީތެރިކަމާއި ކަންކަން ކުރަންވީ ގޮތް ބުނެދޭ މަންޒަރު ފެންނަމަނުންދާކަން ފާހަކުރެއްވިއެވެ.

އަދި ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ކުރިން، ގަވާއިދާ ހިލާފަށް އެ މީހަކު ކުރި ނުވަތަ ކުރެވުނު ކަންކަން ބުނެދީ އަދި ފިޔަވަޅުއެޅި ސަބަބު ތަފްސީލުކޮށް ޓްރެފިކް ފުލުހުން ކިޔައިދޭކަން ފާހަގަކުރެއްވިއެވެ.

އަދި ޓްރެފިކް ޗެކްޕޮއިންޓުތައް ގާއިމުކުރުމުން ގިނަބަޔަކު ގަވާއިދާ އެއްގޮތަށް އަމަލުކުރާ މަންޒަރު މުޖުތަމައުން ފެންނަމުންދާ ކަމަށް ވެސް ޕްރެޒެންޓޭޝަންގައި ފާހަގަކުރެއްވިއެވެ.

އަދި މަގުމަތި ބާރުބޮޑުވާ ހާލަތްތަކާއި އެކްސިޑެންޓްތައް ހިނގުމުން މަގުމަތި ހަމައަކަށް އެޅުވުމަށް ޓްރެފިކް ފުލުހުންގެ ފަރާތުން ފެންނަ އަވަސް ފިޔަވަޅުތައް ފާހަގަކުރެއްވިއެވެ.