ފަލަސްތީނުގެ ޣައްޒާ ހިފުމަށް އިޒްރޭލުގެ ކެބިނެޓުން ފާސްކޮށްފައިވާ ޕްލޭން ތަންފީޒުކުރުން ހުއްޓުވަން ބައިނަލްއަގުވާމީ މުޖުތަމައު އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ޣައްޒާ ހިފައި ވަކި ވެރިކަމެއް ހިންގަން އިޒްރޭލުގެ ކެބިނެޓުން މިއަދު ވަނީ ފާސްކޮށްފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޣައްޒާގެ ކޮންޓްރޯލް ހޯދަން އިޒްރޭލުން ގެންގުޅޭ ޕްލޭން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ފާޅުކަން ބޮޑު ގޮތެއްގައި ހިލާފު އަމަލަކަށްވާއިރު، މިއީ ފަލަސްތީނު ރައްޔިތުންގެ އަމިއްލަ ނިންމުމުގެ ހައްގަށް ބޮޑު އަރައިގަތުން ކަމަށެވެ.

މި ނިންމުމުގެ ސަބަބުން ފަލަސްތީނު ރައްޔިތުންނަށް ވޭނާއި ތަކްލީފު އިތުރުވުމުގެ އިތުރަށް، މިއީ ދެމެހެއްޓެނިވި ސުލްހައަށާއި ސަރަޙައްދީ ހަމަޖެހުމަށް ކުރިމަތިވާނެ ނުރައްކަލެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ފަލަސްތީނު ރައްޔިތުންނާއެކު ރާއްޖެ ދެމި އޮންނާނެ ކަމަށާއި ޣައްޒާގެ ކޮންޓްރޯލް ހޯދުމަށް ނުވަތަ ފަލަސްތީނުގެ ސިޔާދަތަށް އުނިކަން ގެނައުމަށް ކުރެވޭ އެއްވެސް މަސައްކަތެއް ރާއްޖެއިން ގަބޫލުނުކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވަނީ އިޒްރޭލުން ޣައްޒާގެ ކޮންޓްރޯލް ހޯދުމަށް ރާވާފައިވާ ޕްލޭން ތަންފީޒުކުރުން ހުއްޓުވުމަށާއި، ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށާއި، އަދި ފަލަސްތީނު ސަރަޙައްދުތަކުގައި ހިންގާފައިވާ އެންމެހައި ގާނޫނާ ހިލާފު ޢަމަލުތަކަށް އެގައުމު ޒިންމާދާރުކުރުވުމަށް އަވަސް ފިޔަވަޅުތަށް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައު އަށް ގޮވައިލައްވައިފައެވެ.