ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެއާއި ހުޅުމާލެއިން އެއްކޮށް ކަރަންޓު ކެނޑުނުއިރު، އެ ދެތަނަށް ވެސް އަލުން ކަރަންޓު ދީފިއެވެ.

ސްޓެލްކޯއިން ބުނީ، 12:02 ހާއިރު މުޅި މާލެއަށް ވެސް ކަރަންޓު ދެވިފައިވާ ކަމަށެވެ.

މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ މިއަދު ހެނދުނު 9:40 ހާއިރުއެވެ.

ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެ ކުންފުނިން މިއަދު 11:37 ހާއިރު ބުނީ މުޅި ހުޅުމާލެއަށް ކަރަންޓު ދީފައިވާ ކަމަށެވެ.

”ބާކީ ހުރި ސަރަޙައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ގްރޭޓަ މާލެ އިންޓަކަނެކްޝަން ގްރިޑް އެނަޖައިޒްކޮށް ސިންކްރޮނައިޒް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ދަނީ ކުރެވެމުން.“ ސްޓެލްކޯއިން ކުރިން ބުންޏެވެ.

އަދި ގާތްގަނޑަކަށް 40 މިނިޓުގެ ތެރޭގައި ކަރަންޓު ދިނުމުގެ ހުރިހާ މަސައްކަތެއް ނިންމާލެވި، މުޅި މާލެ އަށް ކަރަންޓު ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް އޭރު ބުންޏެެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވެސް މުޅި މާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވެއެވެ.