މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލައާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގުގެ އިބްތިދާއީ ހޯދުންތަކާއި މައުލޫމާތުތައް ބަލައި ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފިއެވެ.

މިދިޔަ ޖޫން މަހުގެ ފުރަތަމަ ދުވަހު މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭ މާލެ ސަރަހައްދުން ކަރަންޓް ކެނޑިފައިވަނީ މެންދުރު 12:45 ހާއިރެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ކަރަންޓު ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ.

ކަރަންޓު ކެނޑުނު މައްސަަލައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މައްސަލަ ތަހުގީގު ކުރެއްވުމަަށް އަންގަވައިފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ވަނީ، ޖޫން އެއް ވަނަ ދުވަހު މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލައާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގުގެ އިބްތިދާއީ ހޯދުންތަކާއި މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ.

އެ މައުލޫމާތައް ބަލައި ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.