ހުޅުމާލޭގައި ރޭ ނުރައްކާތެރިކޮށް ކާރު ދުއްވައި، ފުލުހަކު ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި ޒުވާނާގެ ވަނަވަރު ހާމަކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ މާލެ، ހ. ފިލިމާގެ، އައިކް ހައިޝަމް ހަސަން (18އ)އެވެ.

ފުލުހުން ރޭ ބުނީ ހުޅުމާލޭގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުވަމުންދިޔަ ކާރެއް މަޑުކުރަން ފުލުހުން ބުނުމުން މަޑުނުކޮށް ބާރު ސްޕީޑުގައި ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގައި ދުއްވަމުން ދިއުމުން ފުލުހުން އެ ކާރު ފަހަތުން ދިއުމުން ފުލުހުންގެ ސައިކަލުގައި ކާރުން ޖައްސައި ވައްޓާލާފައިވާ ކަމަށެވެ.

ކާރު ދުއްވި މީހާ އާއި ކާރުގައި އިން އަންހެނަކު ހައްޔަރު ކުރި ކަމަށް ފުލުހުން ރޭ ބުނި ނަމަވެސް އެ އަންހެން މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.

މި އެކްސިޑެންޓްގައި އަނިޔާވި ފުލުސް އޮފިސަރަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލައިފައެވެ.

އިތުރު ފަރުވާއަށް ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.