ރިޔާސީ އިންތިހާބުގައި ބ.ކުޑަރިކިލު ރައްޔިތުން އެމަނިކުފާނަށް ކުރެއްވި އިތުބާރުގެ ނަތީޖާ ދައްކުވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީީސް މުއިއްޒު ބ އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، ކުޑަރިކިލު ސްކޫލްގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، އިންތިޚާބުގެ ތެރޭގައި އެ ރަށަށް ވަޑައިގެން ވެވަޑައިގެންނެވި ވަޢުދުތައް ފުރިހަމަ ކުރެއްވުމަށްޓަކައި ކުރިއަށްދެވޭނޭ މަގު މިހާރު ފަހިކުރެވިފައިވާކަމަށެވެ.

އެގޮތުން ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ދާއިރާތަކުން ހައްލުތައް ހޯއްދެވުމަށް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަދާހަމަ، މިއަދުގެ ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.

ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފެނާއި ނަރުދަމާގެ މަޝްރޫޢު ހުއްޓިފައި އޮތް އޮތުންކަން ފާހަގަކުރައްވައި، މި ހިނގާ އޮގަސްޓު މަހުގެ ތެރޭގައި މަސައްކަތް އަލުން ފައްޓަވާނެކަން އެމަނިކުފާނު އިޢުލާންކުރެއްވިއެވެ.

އަދި ބާރު ދުވެލީގައި މަސައްކަތް ކުރިއަށްގެންދަވައި، ސެޕްޓަމްބަރު މަހުން ފެށިގެން ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމަވާނޭކަމުގެ ޔަގީންކަން އެ މަނިކުފާނު ވަނީ ދެއްވާފައެވެ.

ކުޑަރިކިލުގެ މަގު ހެދުމުގެ މަސައްކަތް ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އާ ހަވާލުކުރައްވާފައި ކަމަށާއި، ފެނާއި ނަރުދަމާގެ މަސައްކަތް ނިމެމުންދާ ވަރަކަށް މަގުހެދުމުގެ މަޝްރޫޢުވެސް ކުރިއަށްދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ރައީސް ވަނީ، ތައުލީމީ ދާއިރާ އާއި ސިއްޙީ ދާއިރާއިން ރާއްވަވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތުވެސް ހިއްސާކުރައްވާފައެވެ.

އެގޮތުން، މިހާރު ހުއްޓުމަކަށް އައިސްފައިވާ، ސްކޫލްގެ މަސައްކަތް ބާރު ދުވެލީގައި ނިންމެވުމަށްފަހު، ރައްޔިތުން އެދޭ ފަދަ މަލްޓި ޕަރޕަސް ހޯލެއްގެ މަސައްކަތްވެސް ކުރިއަށްގެންދެވުމަށް ނިންމަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މިއަދު ބިންގާ އެޅި ސިއްޙީ މަރުކަޒުގެ އާ އިމާރާތާއެކު، ސިއްޙީ ހިދުމަތްތައް އަޕްގްރޭޑުކުރުމުގެ މަސައްކަތް ފެށިގެންދިޔައީކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުޑަރިކިލުގައި އިތުރު މިސްތިކެއް ބިނާކުރުމުގެ މަސައްކަތުގެ ކޮންޓްރެކްޓްގައި ސޮއިކުރެވިފައިވާކަމަށާއި، މިސްކިތް ބިނާކުރާނޭ ބިން ހަމަޖެހުމާއެކު އެ މަސައްކަތް ފެށޭނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ރަށުގެ ފުޓުބޯޅަ ދަނޑުގެ މަޝްރޫޢު ފުރިހަމަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމަށް މި މަހު ހަވާލުކުރައްވާނޭ ކަމަށާއި، ކުޑަރިކިލުގައި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރަކާއި ހޭންޑްބޯލް ކޯޓެއް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދަވަން ނިންމަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.