ލާމަރުކަޒީކޮށް ހިދުމަތް ދިނުމަކީ މި ސަރުކާރުގެ ފަލްސަފާ: ރައީސް

ރައީސް މިފަދައިން ވިދާޅުވީ މާޅޮސްމަޑުލު ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ބ. ކެންދޫގެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވުމުގައި ކުރިއަށް ވަޑައިގަންނަވާނީ، ރައްޔިތުންގެ ގާތަށް އެމަނިކުފާނާއި، ކެބިނެޓް ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިން ވަޑައިގެން، ރައްޔިތުންގެ ބޭނުންތައް އޮޅުންފިލުއްވައިގެން ކަމަށެވެ. އަދި، އެމަނިކުފާނާއި، ދައުލަތުގެ ފަލްސަފާއަކީވެސް އަދި ޤަބޫލުފުޅުކުރައްވާ ހަމައަކީ ލާމަރުކަޒީކޮށް ރައްޔިތުންނަށް ޚިދުމަތް ދިނުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ލާމަރުކަޒީކޮށް ޚިދުމަތްދިނުމަކީ އެމަނިކުފާނު ތަޖުރިބާކުރައްވާފައިވާ ނިޒާމެއްކަމުގައި ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލާމަރުކަޒީ ނިޒާމެއްގެ ފުރިހަމަކަމާއި، އޭގެ މުހިންމުކަމާއި، އެންމެން ގުޅިގެން މަސައްކަތްކުރުމުން ރައްޔިތުންނަށް ލިބިގެންދާ ފައިދާ ފެނިގެންދާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކައުންސިލްތަކުގެ މުނިސިޕަލް ޒިންމާތައް އަދާކުރުމުގައި އިޚްލާޞްތެރިވުމާއި އަމާނާތްތެރިވުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނަށް ވަރަށްވެސް މުހިންމު ނިޒާމެއްކަމަށާއި ސިޔާސީ ތަޢައްސުބުން އެއްކިބާވެ، ސަރުކާރާއެކު އެއްބައިވެ، ޒިންމާދާރުކޮށް ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ކައުންސިލްތަކުން ދެމިތިބުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ކައުންސިލްތަކުގެ ކުންފުނިތަކުން އެންމެ ކުދި އަދި ކުދި ވިޔަފާރިތަކަށްވަނުން ހުއްޓުވުމަށް ގެނައި ޤާނޫނީ އިޞްލާޙްގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ.

އެފަދަ އިޞްލާޙެއް ގެނައީ، އަމިއްލަ ވިޔަފާރިވެރިންގެ ވިޔަފާރިތައް ހިމާޔަތްކޮށް، އެފަދަ ވިޔަފާރިވެރިންނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.