މ. ކޮޅުފުއްޓާއި ފ. ބިލެތްދޫއަށް މަސްތުވާތަކެތި ގެންދިޔަ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި، އެ ދެމީހުންވެސް ހައްޔަރުކުރީ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ދެ ރަށުގައި ހިންގި އޮޕަރޭޝަނެއްގައެވެ.
އެގޮތުން މިދިޔަ ހުކުރު ދުވަހު ކޮޅުފުށީގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މ. ކޮޅުފުށި / އުނިމާގެ، އަހުމަދު ހުމައިދު (30އ) އެވެ. އޭނާ ކޮޅުފުށީ ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އަށް ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މިދިޔަ ހުކުރު ދުވަހު ބިލެތްދޫއިން ހައްޔަރުކޮށްފައި ވަނީ ހދ. ނޭކުރެންދޫ / ގުލޭނޫރަންމާގެ، ދާއޫދު އަބްދުއް ސައްތާރު (43އ)އެވެ.
އޭނާ ބިލެތްދޫ ބަނދަރުމަތިން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މައްސަލައިގައި ހުމައިދު 30 ދުވަހަށް އަދި ދާއޫދު އަބްދުއްސައްތާރު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

