ބ. ކެންދޫ ބަނދަރު ތަރައްގީކުރުމާއި ބިންހިއްކުމުގެ މަޝްރޫއު، 119 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިވަގުތު ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެކަމަށްޓަކައި މިއަދު ކެންދޫގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބްއެވެ.
އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީއެވެ.
އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ 119,361,062.16 ރުފިޔާއަށް 450 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 29,854.00 ކޮޑި މީޓަރު ވެލި، ބަނދަރު އަދި ނެރު ފުންކޮށްގެން ނެގުމާއި، 112،016.00 އަކަމީޓަރު ސަރަހައްދެއްގެ ބިން ހިއްކުމާއި، 278 މީޓަރުގެ އެއްގަމުތޮށި ޖެހުމާއި، 10 މޫރިން ބޮއި ހަރުކުރުން ހިމެނެއެވެ.

