ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި، ޒުވާނުން ބާރުވެރިކުރުވައި، ޒުވާނުންގެ އަޑު އަހައި، ދޭސީ މުޖުތަމައުއިން ފެށިގެން، ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކާއި، އަދި އެނޫންވެސް ހުރިހާ މަރުޙަލާއެއްގައި، ނިންމުންތައް ނިންމުމުގައި ޒުވާނުން ބައިވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިހެން ގޮވާލެއްވީ، ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރާ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި، އެމަނިކުފާނުގެ ރަސްމީ ’އެކްސް‘ އެކައުންޓްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ޒުވާނުންގެ އުފެއްދުންތެރި ހުނަރުތައް ކުރިއަރުވައި، ޒުވާނުންގެ މުސްތަގުބަލު ބައްޓަންކުރުމަށް ބޭނުންވާ ވަސީލަތްތައް ފަހިކޮށްދިނުމަށް، ޒިންމާދާރު މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ކިބައިން، މި ޕޯސްޓުގައި އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ޒުވާނުންގެ އަޑުތައް ގަދަވެ، އެކި ސަރަހައްދުތަކާއި ރަށްރަށުގައި، އެންމެން ޝާމިލުވާ، ނަތީޖާ ހާސިލުވާފަދަ މަޝްވަރާތަކަށް މަގުފަހިވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އަދި އުމުރަކީ ތަފާތެއް ދެއްކުމަށް އޮތް ހުރަހެއް ނޫންކަން ދިވެހި ޒުވާނުން ސާބިތުކޮށްދެމުން އަންނަކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

2030 ވަނަ އަހަރު އަންނައިރު ދުނިޔޭގެ އާބާދީގެ 57 އިންސައްތައަކީ ޒުވާނުން ކަމަށް އަންދާޒާކޮށްފައިވާއިރު، ނިންމުންތައް ނިންމުމުގެ ދައުރު އަދާކުރުމުގެ ބާރު ޒުވާނުންނަށް ދިނުމުގެ މުހިންމުކަން، އިހުނަށްވުރެ ބޮޑު ވެފައިވާކަމުގައި ރައީސް ވިދާޅުވިއެވެ.

ޒުވާނުންގެ ސިޔާސަތުތައް، ފުޅާ ދާއިރާއެއްގައި ތަރައްގީގެ ޕްލޭންތަކާ ގުޅާލުމާއި، ޕާޓްނަރޝިޕްތައް ބިނާކޮށް، ހިޔާލުތައް ހައްލުތަކަށް ބަދަލުކޮށް، ގައުމީ ކުރިއެރުން ބައްޓަންކުރުމުގައި ޒުވާނުންނަށް ސީދާ ދައުރެއް ހޯދައިދިނުމަށް ފަރުމާކުރެވިފައިވާ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ މައްޗަށްވެސް ރައީސްގެ ޕޯސްޓުގައި އަލިއަޅުއްވާލައްވާފައިވެއެވެ.

މީގެ އިތުރުން، ހުނަރު ތަރައްގީކުރުމާއި މަޝްވަރާކުރުމުގެ ޕްލެޓްފޯމެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ”ޒުވާނުންގެ ތަރޑް ސްޕޭސް“ އަކީ ޒުވާނުންގެ ދުޅަހެޔޮކަމާއި ޝާމިލު ކުރިއެރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ތަނެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަސީލަތްތައް ތަނަވަސްވެ، ހަރުދަނާ ޑިޖިޓަލް އިޤްތިޞާދެއް ޤާއިމުކޮށް، ޒުވާން އާއިލާތަކަށް ބޯހިޔާވަހިކަމުގައި އިސްކަންދީ، ޒުވާނުންގެ ހިޔާލުތައް މިހާރަށްވުރެ ބޮޑަށް ގުޅިފައިވާ، ތަނަވަސް މުސްތަޤްބަލަކަށް ބަދަލުކުރުމަށް ބޭނުންވާ އެހީތެރިކަން ހޯއްދަވައިދެއްވުމުގައި ސާބިތުކަމާއެކު ދެމިހުންނަވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން، ޒުވާނުންނަކީ ބަދަލުގެ އެޖެންޓުންގެ ގޮތުގައި ބަލައިގަނެ، ތަރައްގީގެ ރޮނގުން ކުރާ މަސައްކަތްތަކުގެ ތަފާތުކަން ފާހަގަކޮށް، އެޒުވާނުންނަށް މަންފާތައް ލިބޭ އެންމެން ޝާމިލުވާ ފަދަ މާހައުލެއް ގާއިމުކުރެއްވުމަށް އެމަނިކުފާނުގެ ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައިވެއެވެ.