އެމަނިކުފާނުގެ ސަރުކާރުގެ ހުރިހާ ޝައުގެއް ހުރީ ބ. ފުޅަދޫގެ ރައްޔިތުން ބޭނުންވާ ގޮތަށް، އެ އަމާޒަށް ތަރައްގީ ގެންގޮސްދެއްވުމަށްކަމަށާ، މިކަމުގައި ރައްޔިތުން ދެއްވާ އެއްބާރުލުމާއެކު ކުރިއަށް ވަޑައިގަންނަވާނީ ސާބިތުކަމާއެކު ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ފުޅަދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

މިވަގުތު ބ. ފުޅަދޫއަށް ދިމާވެފައިވާ މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން، އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ، ފެނާއި ނަރުދަމާގެ މައްސަލައެވެ. ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް އަވަހަށް ނިމުމަކީ އާންމު ދިރިއުޅުމާއި ރަށުގެ ތަރައްޤީއަށް ނުހަނު މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެގޮތުން މި ހިނގާ އޯގަސްޓް މަހުގެ ތެރޭގައި މަސައްކަތް ފަށައި، ބޮޑު އިސްކަމެއް ދެއްވައިގެން ބާރު ދުވެލީގައި އެމަސައްކަތް ކުރިއަށް ގެންގޮސް ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

މީގެ އިތުރުންވެސް ބ. ފުޅަދޫގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަން އެބަހުރިކަން ފާހަގަކުރައްވައި ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށުގައި އެކިއެކި ޚިދުމަތްތައް ދިނުމަށް ގެނެވޭ މުވައްޒަފުން ބޭތިއްބުމުގައި ދަތިތަކެއް ހުރިކަމަށާ، މި ދަތިތައް ފިލުވާލުމަށް ސަރުކާރުން އިސްކަންދޭންޖެހޭ ކަމަށެވެ.

އެ މުވައްޒަފުން ތިބޭނެ އެކަމޮޑޭޝަން ބްލޮކެއް ސަރުކާރުން އަޅައިދިނުމަކީ ރައްޔިތުންނަށް މުހިންމު ކަމެއް ކަމަށާ، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން މިމަޝްރޫޢު ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭގެ ޖަލްސާގައި ދެއްވާފައެވެ.