ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ އިއްޔެ މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ފެނަކަ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށްގިރުމުގެ މައްސަލަ ބޮޑުވެފައިވާތީ އެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށާއި ރަށުގެ ފެނުގެ ހާލަތު ގޯސްވެފައިވާތީ ފެނާއި ނަރުދަމާގެ މައްސަލަ ހައްލުކޮށްދެއްވުމަށާއި ފުޅަދޫގައި ވަޒީފާއަދާކުރަން އަންނަ ފަރާތްތަކަށް އެކަށޭނަ އަގެއްގައި ތިބެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެކޮމޮޑޭޝަން ބްލޮކެއް އަޅައިދެއްވުން ހިމެނެއެވެ.

މީގެ އިތުރުން ރަށުގައި ލެބޯޓްރީ ނެތުމުގެ ސަބަބުން ކުރިމަތިވަމުންދާ ދަތިކަން ހައްލުކޮށްދެއްވުމުގެ އިތުރުން ރަށު ބަނދަރުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ރަށުގެ ބަނދަރު އަޕްގްރޭޑް ކޮށްދެއްވުމަށް ކައުންސިލް މެންބަރުން އެދިވަޑައިގެންފައިވެއެވެ.

އަދި ރަށުގެ ޒުވާނުންނަށް ބޭނުންވާ އައުޓްޑޯ ވޮލީ ކޯޓެއް އަޅައިދެއްވުމަށްވެސް ކައުންސިލުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގެންފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވި ބައެއް މުއައްސަސާތަކުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ކަރަންޓު ވިއުގައިގެ ހާލަތު ދެރަވެ، އެ ވިއުގަ އަޕްގްރޭޑް ކުރުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.

އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.