މީގެ އެއްމަސް ދުވަސް ކުރިން، މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓުގައި ރާއްޖޭގައި މަޝްހޫރު ފަންނާނުން ކަމުގައިވާ ފާތިމަތު އަޝްފާ އާއި މުހައްމަދު އަބްދުލްޣަނީ (ތޭރަވާ)ގެ ހުރި ހަމައެކަނި ޔޫސުފް އަލްސަން މުހައްމަދު ވަނީ މިފަނާވަނިވި ދުނިޔެއާއި ވަކިވެގެން ގޮސްފައެވެ. ޒުވާން އަލްސަންގެ ކުއްލި ވަކިވުން، އެތައް ބަޔަކަށް ސިހުން ގެނުވައި، ގިނަ ލޯތަކެއް ކަރުނުން ފޯކޮށްލިއެވެ.
ދަރިޔަކު ބީވެދިޔުމަކީ ވަރަށް ވޭނީ، އަދި މުޅި އުމުރަށް ވެސް އެކަމުގެ ހިތާމަ ހިތުގައި ބިންވަޅު ނެގިފައި ހުންނާނެ ކަމެއްކަން ޔަގީނެވެ. އެކަމުގައި ހުރި ވޭނެއް އެނގޭނީ، އެކަން ތަޖުރިބާކުރަން ޖެހުނު މީހަކަށް އެކަންޏެވެ.
ދަރިފުޅު ވަކިވިތާ މަސް ދުވަސްވީއިރު، އަޝްފާއާއި ތޭރަވާގެ ހާލަކީ ވެސް މިއެވެ. ލޯބިވާ ދަރިފުޅުގެ ވަކިވުން ވެފައިވަނީ، އެ ދެމީހުންނަށް ވެސް ބަރުދާސްތު ކުރަން ނުކުޅަދާނަ ވަރުގެ ކަމަކަށެވެ.
ދަރިފުޅުގެ ހަނދާންތައް އައުކޮށް، ލޯބިވާވަރު ބަޔާންކުރަމުން އަޝްފާ އޭނާގެ ފޭސްބުކަށް ދޫކޮށްލީ ވަރަށް އަސަރު ގަދަ މެސެޖެކެވެ. އަޝްފާ ބުނީ، ”މިއީ މަންމައާ ބައްޕައަށް އުފުލޭ ވަރަށްވުރެ މާ ބަރު ހިތްދަތިކަމެއް“ ކަމަށެވެ.
”މަންމަޔާ ބައްޕަގެ ހިތާމަތަކާ ރިހުންތަކަށް ކިރިޔާވެސް ލުޔެއް ލިބެނީ اللہ سبحانہ وتعالیއަށް މިކުރާ ނަމާދާ، ދުޢާއާ ޒިކުރުތަކާ އެކަލާނގެ ކަލާމްފުޅުގެ އެހީއާއި މަދަދުން.“ އަޝްފާ ލިޔެފައިވެއެވެ.
އަޝްފާ ބުނީ އަލްސަންގެ މަންމަ އާއި ބައްޕަ، އަދި އޭނާގެ ދެފަރާތުގެ އާއިލާ ވެސް އަލްސަން ދެކެ އިންތިހާއަށް ލޯބިވާ ކަމަށެވެ. އެންމެ ގާތްކުދިންނާއި އެކުވެރިންނާއި އެ ކުދިންގެ މައިންބަފައިން ވެސް އަލްސަން ދެކެ އިންތިހާއަށް ލޯބިވާ ކަމަށެވެ.
”އެއިން ކޮންމެ ހިތެއްގައި ދަރިފުޅަށް ޓަކައި ޚާއްސަ ޖާގައެއް އޮތްކަން ދަރިފުޅުގެ ވަދާޢީ ވަގުތުކޮޅުގައި ވެސް ފެނުނު.
ލޯބިވާ ދަރިފުޅަށް ލެއްވި ހެޔޮ ރަޙުމަތަށްޓަކައި اللہ سبحانہ وتعالیގެ ޙަޟްރަތައް ޙަމްދާއި ޝުކުރު ކުރަން.“ އަޝްފާގެ ޕޯސްޓުގައިވެއެވެ.
އަލްސަންއަކީ، އަޝްފާ ބުނިގޮތުގައި، އޭނާއާއި ތޭރަވާގެ މުޅި ދުނިޔެއެވެ.
އަދި ލޯތަކުން ކަރުނަ ފޫދެނީ އަލްސަން ދެކެވާ އިންތިހައި ދަރަޖައިގެ ލޯތްބަށްޓަކައި ކަމަށާއި، އެމީހުންގެ ނޭވާތައް ހިނގައި، ދޫތައް ހަރަކާތްތެރިވަނީ ވެސް އަލްސަންގެ އާޚިރަތް ބާއްޖަވެރި ކޮށްދެއްވުމަށްޓަކައި ދުޢާތައް ކުރުމުގައި ކަމަށްވެސް އަޝްފާ ބުންޏެވެ.
”ދަރިފުޅަކީ މަންމަޔާއި ބައްޕަޔަށް اللہ سبحانہ وتعالی ދެއްވި އަމާނާތެއް. އެކަލާނގެ ހުރިހާ ކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވޭ.“ އަޝްފާ އިތުރަށް ލިޔެފައިވެއެވެ.
އަޝްފާ ވަނީ އަލްސަންގެ މައިންބަފައިން، އޭނާ އަށް ހެޔޮ ދުޢާ ކުރުންމަތީގައި ދެމިތިބިކަން ހާމަކޮށްފައެވެ.
”ދުޢާއަކީ ބަރުޒަޚްގެ ޢާލަމަކީ ދަރިފުޅަށް ރައްކާތެރި އަމާން ތަނަވަސް،ފިނިކަމާއި އަލިކަން ލިބިގެންވާ ތަނެއް ކަމުގައި ލެއްވުން.
ދަރިފުޅުގެ އެންމެހާ ކުށް ފާފަތައް ފުއްސަވާދެއްވާ،
ސުވަރުގޭގެ ދާއިމީ ރަޙްމަތާ ނިޢުމަތުގާ ދަރިފުޅު ލެއްވުން.“ އަޝްފާގެ ދުއާގައިވެއެވެ.
ވަކިޔެގެން ދިޔަ ދަރިފުޅާއެކު ސުވަރުގޭގައި ވުމަށްޓަކައި ތާއަބަދު ގަދައަޅައި މަސައްކަތް ކުރަމުންދާކަން ހާމަކޮށް، އަޝްފާގެ މެސެޖު ނިންމައިލަމުން ބުނީ، ”ދަރިފުޅު ދެކެ ވަރަށް ވަރަށް ވަރަށް ލޯބިވޭ އަލްސަން ދަރިފުޅާ“ މިހެންނެވެ.
އަލްސަން ނިޔާވީ ބާރަށް ދުއްވި ސައިކަލެއް، ކަފިހި ހުރަސް މަތިން ދިޔަ މީހަކާއި ޕިކަޕެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައެވެ. މިއީ މާލޭގައި މިފަހުން ހިނގައިދިޔަ އެންމެ ނުރައްްކާތެރި އެކްސިޑެންޓެވެ.

