މާލޭގައި ބަނގުރަލުގެ ވިޔަފާރިކުރަމުން ދިޔަ ހަތަރު ބިދޭސީން ހައްޔަރުކޮށް ޑީޕޯޓުްރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ މުތުމަގޭޝް މުރުގާން (32އ) އާއި ދޭވާރާޖް ޖެބްރާޖް (42އ) އާއި ޒެނިތް ފްރެންސިސް (38އ) އާއި އަދި ބަންގްލަދޭޝްއަށް ނިސްބަތްވާ އަބްދުލް މަންނާން (37އ)އެވެ.
ފުލުހުން ބުނީ މި 4 މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް، ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މި މަހުގެ 11 ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އެ މީހުން ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 511 ފުޅިއާއި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާއާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައިވެއެވެ.

