ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 16 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މި ބިލަކީ، 6 އޮގަސްޓު 2025 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ ދާއިރާ ގާނޫނުގައި ކަނޑައެޅުމަށާއި، ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި އަމަލުކުރަންޖެހޭ ބައެއް އުސޫލުތައް މުރާޖައާ ކުރުމަށާއި، ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމެވެ.
މި ބިލުގައި، ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތުގައި ވަކި ޝަރުތުތަކެއް ފުރިހަމަވާންޖެހޭނެ ކަމުގައި ބަޔާންކޮށް، ގާނޫނާ ތައާރުޟުވާނަމަ، މި އިސްލާހަށް އަމަލު ކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، އެފަދަ ވިޔަފާރީގެ ހަރަކާތްތައް ހުއްޓާލަންވާނެ ކަމުގައިވެސް ބަޔާންކޮށްފައިވެއެވެ.
ހަމަމިއާއެކު، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތްތަކުން، ކައުންސިލްތަކަށް ކުއްޔެއް ނުނެގޭނެކަމަށް ބަޔާންކޮށް މާއްދާއެއް އިތުރުކޮށްފައިވެއެވެ.
އަދި ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކޮށް މާއްދާއެއް އިތުރުކޮށްފައިވެއެވެ.
އެގޮތުން، ލޯކަލު ކައުންސިލްތަކުގެ އުމުރު ހަމަވުމާ ދެމެދު އޮތީ 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ކައުންސިލްތަކަށް މުވައްޒަފުން ހަމަޖެއްސުމާއި، ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ބިމާއި، ފަޅާއި، ފަރު ސަރަހައްދު ކުއްޔަށްދިނުމާއި، ކައުންސިލްތަކުގެ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށޭނީ، މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ބަޔާންކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގު ކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއު ކުރެއްވުމާއެކު، މި އިސްލާހަށް މިހާރު ވަނީ އަމަލު ކުރަން ފަށާފައެވެ.
މި ބިލުގައިވާ އިސްލާހުތަކަކީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް، ގެންނަންޖެހޭ އިސްލާހުތަކެއް ކަމަށާ، މިއީ އެ ނިޒާމު އިތުރަށް ތަރައްގީ ކުރުމަށްޓަކައި ގެންނެވި އިސްލާހުތަކެއްކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

