ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ފަސް ލޯންޗު ހަދިޔާކޮށްފިއެވެ.
ދޫނިދޫގައި މިއަދު ބޭއްވި ރަސްމިޔާތުގައި، ފުލުހުންގެ ފަރާތުން އެ އުޅަނދުތަކާ ހަވާލުވެވަޑައިގެންނެވީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން އެ އުޅަނދުތައް ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.
އެ ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ޖަޕާން ސަރުކާރުގެ އެހެނިހެން އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަވީން ވިދާޅުވީ ޖަޕާން ސަރުކާރުގެ ފަރާތުން ފުލުހުންނަށް ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ޖަޕާނުން ހަދިޔާކުރި އުޅަނދުތަކާއެކު، ކަނޑުމަތީގެ ފުލުހުންގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށް ނަވީން ވިދާޅުވިއެވެ.
އަދި ކަނޑުމަތީގައި ގާނޫނު ތަންފީޒުކުރުމުގެ ގާބިލުކަން އިތުރުވެ، ރަށްރަށުގެ މުޖުތަމައުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ކުއްލި ހާލަތްތަކުގައި ފުލުހުން އެޓެންޑުވުން އިތުރަށް އަވަސްވެ، ގާބިލުކަން އިތުރުވެގެންދާނެކަމަށްވެސް ނަވީން ވިދާޅުވިއެވެ.

